ފިލްމު 'ވެލްކަމް3' އިން އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރު ނުފެންނާނެ

ފިލްމު 'ވެލްކަމް3' އިން އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރު ނުފެންނާނެ

ހެއްވާ މަޖާ ފިލްމު "ވެލްކަމް"ގެ ތިންވަނަ ސީކުއަލް "ވެލްކަމް3"އިން އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރު ނުފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަނިލް ކަޕޫރުގެ ބަދަލުގައި މިފަހަރުގެ ފިލްމުގައި ފެންނާނީ ސަންޖޭ ދަތު އަދި އަރުޝަދު ވާރުސީކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. އަކްޝޭ ކުމާރު ލީޑް ރޯލްކުޅޭ މިފިލްމުގެ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވަނީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ދެ ފިލްމެއްގެ މަސައްކަތް ނިމުމުން އަންނަ އަހަރުއެވެ.

ފިލްމު "މުންނާ ބާއި"އިން ސަންޖޭއާއި އަރުޝަދުގެ ކެމިސްޓްރީއަށް ލިބުނު މަގުބޫލުކަމާއެކު ފިލްމު "ވެލްކަމް3"އަކީ އެފަދަ މަގުބޫލުކަމެއް ހޯދާނެ ފިލްމެއްކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. މިފިލްމަކީ، ޕްރޮޑިއުސަރު ފިރޯޒު ނަދިއަދުވާލާ ބެނާގެ ދަށުން ސްކްރިޕްޓެއް ތައްޔާރުކޮށްފައި އޮތުމަށްފަހު މިހާ ލަހުން މަސައްކަތްފަށާނެ ފުރަތަމަ ފިލްމެވެ.

ނާނާ ޕަޓޭކަރުއާއި އަނިލް ކަޕޫރު ފިލްމުން ވަކިވި ސަބަބާބެހޭގޮތުން ސުވާލުކުރުމުން އެކުންފުނިން ބުނެފައިވަނީ ދެ ތަރިން ފިލްމާ ވަކިވީ ފިލްމަށް ހުށަހެޅި އަގާމެދު ޕްރޮޑިއުސަރާއެކު އެއްބަސްވުމަކަށް ނާދެވުމުންކަމަށެވެ. އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރަކީ ކުރިން ރިލީޒްވި ދެ ފިލްމުގައިވެސް މުހިއްމު ރޯލް ކުޅުނު ދެ އެކްޓަރުންނެވެ.

ފިލްމު "ވެލްކަމް3"ގެ ކާސްޓުންނަށް މިއައި ބަދަލާއެކު ބަތަލާގެ ރޯލްއިން މިފަހަރު ފެންނާނީ ކޮން ފިލްމީ ތަރިއެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ފުރަތަމަ ފިލްމުގައި ބަތަލާގެ ރޯލްއިން ކެޓްރީނާ ކައިފްއާއި މަލިކާ ޝެރާވަތު ފެނިފައިވާއިރު ދެވަނަ ބައިން ފެނިފައިވަނީ ޝްރުތީ ހާސަންއާއި އަންކިތާ ޝްރިވަސްތަވާއެވެ. އަންނަ އަހަރު ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު އަކްޝޭ ކުމާރު އަންނަނީ ފިލްމު "ޖޮލީ އެލްއެލްބީ3"އާއި "ހައުސްފުލް5"ގެ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް