ފިލްމު 'ދަ އާޗީސް'ގެ ޒުވާން އެކްޓަރަށް ކަރަން ޖޯހަރުގެ ފިލްމެއް

ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ދަ އާޗީސް"ގައި ހިމެނޭ ޒުވާން ފިލްމީ ތަރިންގެތެރެއިން ވެދަންގް ރައިނާއަށް ކަރަން ޖޯހަރުގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ވެދަންގް ރައިނާއަށް ފުރުސަތު ލިބިފައިވަނީ ދާދިފަހުން ބަތަލާ އާލިއާ ބަޓް ސޮއިކުރި ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުންނެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުތެރޭ ފެށުމަށްވަނީ ނިންމާފައެވެ. ކުރިޔަށްއޮތް އޮގަސްޓް މަހުތެރޭ ދެ ތަރިންނާއެކު ފިލްމުގެ ސްކްރިޕްޓް ހިއްސާކުރެވޭނެކަމަށާއި އެއާއެކު ވެދަންއަށް ހާއްސަކޮށްގެން އެކްޝަން ވޯކްޝޮޕްތަކެއްވެސް ކުރިޔަށްދާނެކަމަށް ދަރުމާއިންވަނީ ބުނެފައެވެ. ދަރުމާ ޕްރޮޑަކްޝަންގެ މިފިލްމުގެ ޑައިރެކްޓަރަކީ ވަސަން ބާލާއެވެ.

ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ މިދިޔަ އަހަރު ރިލީޒްވި ފިލްމު "މޮނިކާ އޯ މައި ޑާލިންގް"، "މަރްދުކޯ ދަރުދް ނެހީ ހޯތާ" އަދި ކަރަން ޖޯހަރުވެސް މުހިއްމު ރޯލެއް ކުޅުނު ފިލްމު "ރެޑް ވެލްވެޓް" ހިމެނެއެވެ. މޮޑެލް ކުރުމުގެ އިތުރުން ލަވަކިޔުމަށްވެސް ލޯބިކުރާ ވެދަންގް ރައިނާއަކީ، ބޮލީވުޑްގެ ވަރަށްގިނަ ސްޓާ ކިޑްސްއާ ގާތް ގުޅުމެއް އޮންނަ ޒުވާނެކެވެ. އޭގެތެރޭގައި ޖާންވީ ކަޕޫރުގެ ކޮއްކޮ ޚުޝީ ކަޕޫރު، އަނަންޔާ ޕާންޑޭ އަދި ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ހިމެނެއެވެ.

ނެޓްފްލިކްސްއަށް ޒޯޔާ އަޚްތަރު އުފައްދާ "ދަ އާޗީސް"ގެ ޓްރެއިލާ ރިލީޒްވުމާއެކު ގިނަ ބައެއްގެ ލޮލުގައި ވެދަންގްވަނީ އަޅައިގަނެފައެވެ. މިފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވީނަމަވެސް ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. ވެދަންގްއާއެކު "ދަ އާޗީސް"އިން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން، ބޮނީ ކަޕޫރުގެ ދަރިފުޅު ޚުޝީ ކަޕޫރު އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތަޔާ ނަންދާ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވާނެއެވެ.

comment ކޮމެންޓް