މިފިލްމުގެ އެންމެފަހު ޝޮޓް އަމީތާބްގެ ދެމަފިރިން ނިންމާލީ ހަނީމޫންއަށްފަހު

އަމީތާބްއާއި ޖަޔާ ބައްޗަންގެ ކައިވެންޏަށްފަހު ހަނީމޫންގެ ދުވަސްތައް ނިންމާލުމާއެކު ޖެހިގެން އައިދުވަހަކީވެސް ދެމަފިރިންނަށް ހާއްސަ ދުވަހެކެވެ.

މީގެ ދުވަސްތަކެއްކުރިން ކުރި ޓްވިޓަ ޕޯސްޓެއްގައި އަމީތާބް ބުނެފައިވަނީ ދެ ތަރިން އެކީގައި ކުޅުނު ފިލްމު "އަބިމާން"ގެ އެންމެ ފަހު މަންޒަރު ޝޫޓްކުރެވުނީ ހަނީމޫން ނިންމާލުމަށްފަހު އޭގެ އަނެއް ދުވަހުކަމަށެވެ.

ފިލްމީ މަސައްކަތްތަކަށް ހުރި ލޯތްބާއެކު އަމީތާބްއާއި ޖަޔާވެފައިވަނީ ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް އިޚްލާސްތެރިކަމާއެކު ކުރާ ދެމަފިރިންގެގޮތުގައެވެ.

ދެމަފިރިންގެ އަމިއްލަ ހަނީމޫންއަށްފަހު ޖެހިގެން އައިދުވަހު ފިލްމީ މަސައްކަތަށް ނުކުތުމަކީ އޭރުވެސް ދެމަފިރިންގެ ފިލްމީ ކެރިއަރުގެ އަގުވަޒަންކުރާކަމުގެ ހެއްކެކެވެ.

ކައިވެންޏަށްފަހު ޖަޔާ ބައްޗަން ފިލްމީ މަސައްކަތްތަކާ ދުރަށްޖެހިލީ މަންމައަށްވުމަށްފަހުއެވެ. އޭގެފަހުން ހުރިހާވަގުތެއްވެސް ޖަޔާ ހުސްކޮށްފައިވަނީ އަންހެން ދަރިފުޅު ޝްވެތާ ބައްޗަންއާއި އަބީޝެކް ބައްޗަންއަށެވެ.

ޖަޔާއާއި އަމީތާބް އެކީގައި 1973ވަނަ އަހަރު ކުޅުނު ފިލްމު "އަބިމާން"އަކީ ހިންދީ މިއުޒިކަލް ޑްރާމާ ފިލްމެކެވެ. މިފިލްމުގެ މަސައްކަތްކުރިޔަށްދިޔަ ދުވަސްވަރުވެސް އަމީތާބްއާއި ޖަޔާގެ ޙަޔާތުގައި ލޯބީގެ ކުލަވަނީ ޖެހިފައެވެ. ދެ ތަރިންގެ ކައިވެންޏަށް 50 އަހަރުވެފައިވާއިރު އަމީތާބްއާއި ޖަޔާވެފައިވަނީ ހިންދީ ސިނަމާގެ ނަމޫނާ ދެމަފިރިންގެގޮތުގައެވެ.

ޖަޔާއާއި އަމީތާބް އެކީގައި ކުޅުނު ފިލްމު "ސިލްސިލާ"އަށްފަހު ދެތަރިން ފެނިފައިވަނީ ބޮޑަށް ސަޕޯޓިންގް ރޯލްތަކުންނެވެ. ފިލްމު "ސިލްސިލާ"އަކީ އަމީތާބްއާއި އޭރުގެ އެންމެ މަގުބޫލު ބަތަލާ ރޭކާގެ ލޯބީގެ ޙަޔާތާ ގުޅުވައިގެން އުފެއްދި ތިނެސްކަން ލޯބީގެ ފިލްމެއްކަމަށް މިހާރުވެސް ގިނަބަޔަކު ސިފަކުރެއެވެ.

މީޑިއާއިން އޭރު އަމީތާބްއާއި ރޭކާގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ފެންމަތިކުރުމުން ޖަޔާ ބައްޗަން މިފިލްމަށް ގެންނަންވެސް ކުރީގެ ޕްރޮޑިއުސަރު ޔަޝް ޗޯޕްރާއަށް ވަރަށް ބޮޑު ޗެލެންޖަކަށްވިއެވެ. ޖަޔާއާއި އަމީތާބް އެކީގައި އެންމެ ފަހުން ފެނިފައިވަނީ 2016ވަނަ އަހަރު ރިލީޒްވި ފިލްމު "ކީ އެންޑް ކާ"ގެ ހާއްސަ ފެނިލުމަކުންނެވެ.

comment ކޮމެންޓް