މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަޙުވަންތަކަން ގާއިމްކޮށް، އެއް މުސްލިމަކު އަނެއް މުސްލިމެއްގެ އުނިކަން ފޮރުވައިފި މީހަކަށް މާތް ﷲ އެމީހެއްގެ އުނިކަން ދުނިޔެއާއި އާޚިރަތުގައި ވަންހަނާކޮށް ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އިސްލާމީ އަޙުވަންތަކަމާއި އެއްބައިވަންތަކަމަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި އެކަކު އަނެކަކު އެއްބަނޑު އެއްބަފާ އަޚުންތަކެއް ކަމުގައި ވުމަށް ވަނީ ގޮވައިލާފައެވެ.
އިސްލާމް ދީނަކީ އުޚުވަތްތެރިކަމުގެ ދީން ކަމަށާއި އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީނެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުން ދިނުމަކީ، އެދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.
"މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގަ. ފަހެ ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ސުލްހަ ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ." ޚުތުބާގައި ބުންޏެވެ.
މި ރިވެތި އުސޫލުތަކަށް އިސްލާމް ދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތި ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުޖުތަމައުއެއް ބިނާކުރުމުގައި، އުޚުވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ބޮޑު ކަމަށެވެ. އެގޮތުން މުޖުތަމައުގެ އަފްރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ އަރާރުންވާ ބަޔަކު ކަމުގައި ވަނީނަމަ ނަސްރާއި ކާމިޔާބީއާ ހަމައަށް ވާސިލްވުމަކީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމްދީނުގެ ތާރީޚަށް ބެލިކަމުގައި ވީނަމަވެސް އެކަން ވަރަށް ރީތިކޮށް ހާމަވާން ހުރިކަމަށާއި އިސްލާމީ އުންމަތުގެ ކުރީކޮޅު، މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުން އައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއަށްފަހު އިސްލާމީ އުންމަތް ރޫޅި، ބައިބައިވެގެން ދިޔައީ އުޚްވަތްތެރިކަމާއި އެއްބައިވަންތަކަން މުސްލިމުންގެ މެދުގައި ފިލައި ދިޔުމުން ކަމަށެވެ.
މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަޙުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އިސްލާމް ދީނުގައި ވަނީ މަނާ މަނާކުރައްވާފައެވެ.
"އެއްބަނޑު އެއްބަފާ އަޚުންނަކީ އެކަކު އަނެކަކަށް ނުހަނު ހެޔޮ އެދޭ މީހުން. އެމީހުން އެކަކު އަނެކެއްގެ އައިބުތައް ހާމައެއް ނުކުރާނެ. މުސްލިމެއްގެ ކިބައިގައިވާ އުނި ކަންތައްތައް ފޮރުވުމާ ބެހޭގޮތުން ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވޭ. މުސްލިމެއްގެ އުނިކަން ފޮރުވައިފި މީހަކަށް މާތް ﷲ އެމީހެއްގެ އުނިކަން ދުނިޔެއާއި އާޚިރަތުގައި ވަންހަނާކޮށް ދެއްވާނެ" ޚުތުބާގައި ބުންޏެވެ.
އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ތިމާ ވާސިލްކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމް ކަނޑައަޅައި އެކަން ކުރުމަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ. އަދި އަޙުވަންތަކަމާއި އެއްބައިވަންތަކަން ކަނޑައިފާނެ ކޮންމެ ކަމަކާ ދުރުވެ އެފަދަ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ނުދިނުމަށްވެސް ވަނީ ވަސިއްޔަތްކޮށްފައެވެ.
އިސްލާމީ އުންމަތަކީ އެއް އުއްމަތެއްކަމަށާއި މި އުއްމަތަކީ ބައިބައިވުމަށް ފުރސަތުދޭ އުއްމަތެއް ނޫންކަން ފާހަގަކުރައްވާ އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމް ކުރުމީ މާތްﷲގެ ހަޟްރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.