މެޓާ 14 މިލިޔަން ޑޮލަރުން ޖޫރިމަނާކުރަން އޮސްޓްރޭލިޔާގެ ކޯޓަކުން ހުކުމްކޮށްފި

މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ މައްސަލައެއްގައި އޮސްޓްރޭލިއާގެ ކޯޓަކުން ވަނީ މެޓާ ޖޫރިމަނާކޮށްފަ --

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ، 14 މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރަން އޮސްޓްރޭލިއާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މެޓާ ޕްލެޓްފޯމްތައް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތު ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް އެއްކުރާކަމަށް ބުނެ މެޓާ ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، މިއީ ފޭސްބުކް މިފަދަ ކަމެއްގައި ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

މިފަހަރު ކުރި ހުކުމަކީ 2016 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 2017 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް، ފޭސްބުކްގެ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ހިދުމަތެއް ކަމަށްވާ އޮނަވޯއާ ގުޅޭ ގޮތުން ކުރި ހުކުމެކެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ކޯޓުން ވަނީ މެޓާގެ ސަބްސިޑަރީ ކުންފުނި ފޭސްބުކުން އިސްރާއީލާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން "އޮނަވޯ" އެޕް މެދުވެރިކޮށް ޒާތީ މައުލޫމާތު އެއްކުރާ ކަމަށްބުނެ ގާނޫނީ ހަރަދުގެ ގޮތުގައި 400،000 ޑޮލަރު އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ ކޮމިޝަން (އޭސީސީސީ) އަށް ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.

ވީޕީއެންއިން އިންޓަނެޓް ބޭނުންކުރާ މީހާގެ އައިޑެންޓިޓީ އޮޅުވާލަނީ އެމީހެއްގެ ކޮމްޕިއުޓަރަށް ތަފާތު އޮންލައިން އެޑްރެހެއް ދީގެންނެވެ.

ފޭސްބުކުން އޮނަވޯ އެޕް ބޭނުންކޮށްގެން އެކިއެކި ބޭނުންތަކުގައި ޔޫޒަރުން ވަދެފައިވާ ވެބްސައިޓްތަކާއި، އެޕްލިކޭޝަންތަކާއި އަމިއްލަ އިޝްތިހާރުގެ ބޭނުމަށް ޒިޔާރަތްކުރި ވެބްސައިޓްތައް ބޭނުންކޮށްގެން އެ މީހަކު ހުރި ތަނަކާއި ވަގުތާއި އެ ވެބްސައިޓެއް ބޭނުންކުރި މިންވަރު ފަދަ މައުލޫމާތު އެއްކޮށްފައިވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވެންޑީ އަބްރަހަމްގެ ނިންމެވުމުގައި ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާގެ ރައްޔިތުން 271،220 ފަހަރު މި އެޕް ޑައުންލޯޑް ކުރި ފަހުން ކޯޓުން މެޓާ 14 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު، އޮނަވޯގެ ސައްޙަކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މިދިޔަ އަހަރު 116 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު މެޓާއިން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް އޮޅުވާލަން މަސައްކަތް ނުކުރާ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ގަބޫލުކުރެއްވި ކަމަށެވެ. އަދި މެޓާއިން މީހުންގެ މައުލޫމާތު ބޭނުންކުރާ ގޮތާ ބެހޭ މައުލޫމާތު ދެފުށް ފެންނަ ގޮތަކަށް ހާމަކުރުން އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު