އައްޑޫ ސިޓީ، ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް އެ ފައްޓަވައިދެއްވީ މިއަދު އެ ކަމަށް ޓަކައި ބޭއްވި ހަފްލާގައެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މި އިސްލާމީ މަރުކަޒަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ފަރުމާކުރި ތަނެއްކަމަށެވެ.
އެގޮތުން އެ މަރުކަޒުގައި 1،500 މީހުންނަށް އެއްފަހަރާ ނަމާދުކުރުމުގެ ޖާގައާއި 450 މީހުންގެ ޖާގައިގެ ޖަލްސާކުރާ ހޯލެއް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަތަރު ކްލާސްރޫމާއި، ދެ ސެމިނާ ރޫމުގެ އިތުރުން، އިދާރީ މަސައްކަތަށް ދެ އޮފީސް ބްލޮކް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތަކީ 55.5 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމަން ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

އައްޑޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
"އެހެން ގޮތަކަށް ބުނާނަމަ މި އިސްލާމީ މަރުކަޒަކީ މީހުން އައިސް މީހުންނާ ރައްޓެހި އަބަދުވެސް ދީނީ އެކިކަހަލަ ހަރަކާތްތައް ހިންގާ އައްޑޫ ސިޓީގެ އެކިއެކި ބޭނުންތަކަށް މި މަރުކަޒު ބޭނުންކުރެވޭ ގޮތަށް އަޅުގަނޑުމެން ފަރުމާކޮށްފައި ހުރި އިސްލާމީ މަރުކަޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި އިސްލާމީ މަރުކަޒުގެ މަސައްކަތަކީ ވަަރަށް ދިގު އިންތިޒާރަކަށްފަހު ފެށިގެން އަންނަ މަސައްކަތެއްކަމަށެވެ.
"މިއީ އައްޑޫ ސިޓީގައި ގާއިމްކުރެވިގެންދާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ތަނަކުން މަންފާ ލިބިގެންދާނެ މުހިންމު އިމާރާތެއްގެ ގޮތުގައި އަޅުގަނޑު ފާހަަގަކުރަނީ،" ނިޒާރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒު އެޅިގެންދާތީ އެކަމަށް ޓަކައި ނިޒާރުވަނީ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ޝުކުރު އަދާކުރައްވައިފައެވެ.