އޫރީދޫ މަސްރޭސް 2023ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ

އުރީދޫ މަސްރޭސް 2023ގެ މީޑިއާ ޕާޓްނަރަކަަށް އެސްއެސްޓީވީ --- ސަން ފޮޓޯ / މާހިލް އާތިފް

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ މަސްރޭހުގެ މީޑީއާ ޕާޓްނަރަކަށް އެސްއެސްޓީވީ ހަމަޖައްސައިފިއެވެ.

ސަން ސިޔާމް މީޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އުރީދޫގެ އެސިސްޓެންޓް މެނޭޖާ ޕީއާރް، ނާއިފާ ޖިހާދެވެ. އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނާއިފާ ވިދާޅުވީ އެސްއެސްޓީވީ މެދުވެރިކޮށް އުރީދޫ މަސްރޭސް ގެނެސްދިނުމަށް ނިންމީ އަލަށް ފެށި ޗެނަލެއް ނަމަވެސް ކުރިއަރަމުން އަންނަ ޗެނަލަކަށް ވާތީ ކަމަށެވެ.

"މިފަހަރުގެ މަސްރޭސް އަޅުގަނޑުމެން މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށް ދާތީއާ އެކު އެސްއެސްޓީވީ ޚިޔާރު ކުރީ. އެސްއެސްޓީވީއަކީ އަލަށް ފެށި ޗެނަލެއް ކަމަށް ވިޔަސް ކުރިއަރަމުން އަންނަ ޗެނަލެއް ކަމުން އެގޮތުން ޕާޓްނަރު ކަމަށް މި އިޚްތިޔާރުކުރީ،" ނާއިފާ ވިދާޅުވިއެވެ.

އުރީދޫގެ އެސިސްޓެންޓް މެނޭޖާ ޕީއާރް ނާއިފާ ޖިހާދު --- ސަން ފޮޓޯ / މާހިލް އާތިފް

މި އަހަރު އުރީދޫއިން ބާއްވާ މަސްރޭހަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސްރޭހެވެ. އަދި ރިކޯޑު އަދަދަކަށް މީހުން ބައިވެރިވާ މަސްރޭހަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށް ނާއިފާ ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މަސްރޭސް އެކިގޮތްގޮތުން ތަފާތު ވާނެ ކަމަށް ވެސް ނާއިފާ ވިދާޅުވިއެވެ.

"އެހެން އަހަރުތަކުގައި އަޅުގަނޑުމެން މަސްރޭސް ބާއްވަމުން މި އަންނަނީ ރޯދަމަހު. މި އަހަރަކީ އުރީދުއަށް 18 އަހަރު ފުރޭ އަހަރުކަމުން އަހަރީ ދުވަހާ ގުޅުވާލާފަ ބާއްވަން އަޅުގަނޑުމެން ނިންމީ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މި ފަހަރުގެ މަސްރޭސް ކުރިއަށް ދާނީ،" އެނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުން އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު ޒަހީން ވިދާޅުވީ އުރީދޫ މަސްރޭހުގެ މަންޒަރުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އެސްއެސްޓީވީ ޚިޔާރުކުރެއްވުމަކީ އެ ޓީވީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ކަމުގެ. މީގެ ކުރީގަ މިކަން ބޭއްވި ގޮތަކަށް ނޫން މިފަހަރު މި އޮންނަނީ. އެހެންވީމަ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ،" ޒަހީން ވިދާޅުވިއެވެ.

އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން --- ސަން ފޮޓޯ / މާހިލް އާތިފް

ޒަހީން ވިދާޅުވީ މި ދުވަސްވަރަކީ ގިނަ އިވެންޓްތަކެއް ކުރިއަށް ދާ ދުވަސްވަރަކަށް ވީ ނަމަވެސް ވީ އެންމެ ފުރިހަމައަކަށް ބެލުންތެރިންނާ ހަމައަށް މަސްރޭސް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ދެބައި މީހުން ގުޅިގެން އެބޭފުޅުންވެސް ބޭނުންފުޅުވާ ގޮތަށް މިކަން ވީހާވެސް ފުރިހަމައަށް ގެންދެވޭތޯ. ރަށްރަށުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފަ،" އޭނާ ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް މިފަހަރުގެ އުރީދޫ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެސިޓީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައެވެ. މި ރޭސް އޮންނާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

މިފަހަރުގެ މަސްރޭހުގައި މަސްވެރިކަމާއި ތިމާވެށީގެ ގަވާއިދުތަކުގެ އިތުރުން ޓްރާންސްޕޯޓް ގަވާއިދުތަކަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަސްރޭހުގައި ބައިވެރިވެވޭނީ ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. މީގެ އިތުރުން މަސްރޭހަށް ނިކުންނަ އުޅަނދުގައި ސަލާމަތީގޮތުން ހަމަވާން ޖެހޭ ކަންތައްތައް ހަމަވުމުން ނޫނީ މަސްރޭހަށް ފުރުމުގެ ފުރުސަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

އުރީދޫ މަސްރޭހުގައި ކޮންމެ ސިޓީއަކުން މަދުވެގެން 12 ޓީމު ބައިވެރިވާއިރު، ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. އުރީދޫއިން ބުނީ މަސްރޭހުގައި 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އެއްވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ، އަދި ތިން ވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ ހުށަހަޅާފާވާއިރު އެންމެ މޮޅު ފިރިހެން މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޭބަލްޓީވީ މެދުވެރިކޮށް އުރީދޫ މަސްރޭސް 2023ގެ އިވެންޓުތައް ފެންނާނީ ހަމައެކަނި އެސްއެސްނެޓުންނެވެ.

comment ކޮމެންޓް