ފަލަސްތީނުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ދެމިތިބޭނަން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މިިނިވަން ދައުލަތެއް ގާއިމްކުރުމަށް ޓަކައި ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެ ގައުމުގެ ރައްޔިތުންނާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އދ.ގެ އާންމު މަޖިލީހުން ހުށަހަޅައިފައިވާ މައްސަލައިގައި، ރާއްޖެއިން އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައިވާކަމަށެވެ.

މިނިވަން، މުސްތަގިއްލު، ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ރާއްޖެއިން ދެމިތިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ދޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޓަކައި، ފަލަސްތީނުން ދިވެހި ސަރުކާރަށް ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ.

ފަލަސްތީނުގެ ފަރާތުން އެކަމަށް ޝުކުރު އަދާކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަލީދް އަބޫ އަލީ، އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުގައެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު އޮންނަ އޮތުން ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ގައުމެއްކަން ފާހަގަކުރައްވައި، ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތާއިދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް