ކެންސަރު ދެނެގަތުމަށް ހަދާ ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ (ޕެޓް) ސީޓީ ސްކޭން އޭޑީކޭ ހޮސްޕިޓަލުން މިއަދު ތައާރަފުކޮށްފިއެވެ.
އޭޑީކޭއިން ޕެޓް-ސީޓީ ސްކޭންގެ ޚިދުމަތް މި ފެށީ ރާއްޖޭގައި މުޅިން އަލަށެވެ.
ޕެޓް ސީޓީ ސްކޭން ތައާރަފުކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، އެ ހޮސްޕިޓަލުން މިހާރު އެ ޚިދުމަތް ލިބޭނެ ކަމަށާއި ގުޅާލައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ.
އަފްއާލް ވިދާޅުވީ އެ ޚިދުމަތަށް މިވަގުތު ނަގަން ނިންމާފައިވަނީ 7،500 ރުފިޔާ އާއި 8،500 ރުފިޔާއާ ދެމެދުގެ އަގެއް ކަމަށެވެ. ނަމަވެސް އާސަންދަ އާއި އެންސްޕާ ބޭނުންކޮށްގެން އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ހާހަކަށްވުރެ ގިނަ މީހުން އަހަރެއްތެރޭ ޕެޓް ސީޓީ ސްކޭން ހެދުމަށް ބޭރަށް ފޮނުވާކަން ފާހަގަކުރައްވާ އަފްއާލް ވިދާޅުވީ، ރާއްޖޭގައި މިހާރު އެ ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން އެ ޚިދުމަތް ލިބިގަތުމަށް ބޭރަށް ދާންޖެހޭ ދިޔުމަށް ނިމުމެއް އަންނާނެ ކަމަށެވެ.
އަފްއާލް ވިދާޅުވީ މި މަސައްކަތަކީ ވަރަށް ބޮޑު 'ޗެލެންޖެއް' ކަމަށެވެ.

ޕެޓް ސިޓީ ސްކޭން ތައާރަފުކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް -- ސަން ފޮޓޯ/ މާހިލް އާތިފް
"މިކަން ކުރަމުން އައިއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު. ޚާއްޞަގޮތެއްގަ މިކަން ފެށުމަށް ރާއްޖޭގަ އާ ގައިޑްލައިންތަކެއް ހަދަން ޖެހުނު. އޭގެތެރޭގަ ނިއުކްލިއާ އިންޖެކްޝަނެއް އެތެރެކޮށް އެކްސްޕޯޓްކޮށް، އޭގެ ވޭސްޓް އުކާލަންޖެހޭ ގޮތްތަކާ މިހެން ގޮސް ވަރަށް މަސައްކަތް ކުރަން ޖެހުނު. އެގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ އިންޑިއާގައި އެކަން ކުރާ ގޮތަށް." އަފްއާލް ވިދާޅުވިއެވެ.
އޭޑީކޭގައި ޕެޓް ސްކޭން ހެދުމަށްޓަކައި ބޭނުންކުރާނެ ރޭޑިއޯއެކްޓިވް މާއްދާ ގެނައުމަށް އިންޑިއާގެ ކާރުހާނާއަކުން ހަމަޖެހިފައިވާއިރު، އެ މާއްދާއަކީ އުފައްދާތާ 15 ގަޑިއިރު ތެރޭގައި ބޭނުންކުރަންޖެހޭ އަދި ގިނަ ދުވަހު ރައްކާކޮށްފައި ނުބެހެއްޓޭ އެއްޗެކެވެ. އެހެންކަމުން އެކަމަށް ޚާއްޞަ ފްލައިޓުތަކެއް ހަމަޖައްސާފައިވާ ކަމަށް އަފްއާލް ވިދާޅުވިއެވެ.

ޕެޓް ސިޓީ ސްކޭނަށް އޭޑީކޭ ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް ސާމާނު-- ސަން ފޮޓޯ/ މާހިލް އާތިފް
އެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި ރޭޑިއޯއެކްޓިވް މާއްދާ ރާއްޖެ އެތެރެކުރުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓު ލިބޭ އަދަދަށް ބެލުމަށްފަހު ކަމަށެވެ. އަދި ދުވާލަކު އެންމެ ގިނަވެގެން އަށެއް ނުވަތަ 10 ޕެޓް ސީޓީ ސްކޭން ހެދޭނެ ކަމަށް އަފްއާލް ވިދާޅުވިއެވެ.
ނިޔާފް ވިދާޅުވީ ޕެޓް ސީޓީ ސްކޭނަކީ ހަމައެކަނި ކެންސަރު ދެނެގަތުމަށް ލިބިގަންނަ ޚިދުމަތެއް ނޫން ކަމަށެވެ. އޭގެ އިތުރުން ހަށިގަނޑަށް އެ ބަލި ފެތުރިފައި ހުރި މިންވަރު ބަލައި، ބައެއް ކަހަލަ ނާރުގެ ބަލިތަކަށާއި މެޓަބޮލިކް ބަލިތައް ދެނެގަތުމަށް ވެސް ޓެސްޓު ހެދޭނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.