ބ. ތުޅާދޫގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނިމުމުން އެ ރަށާ އެއްވަރު ކުރެވޭނެ އެހެން ރަށެއް އެ އަތޮޅުގައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ތުޅާދޫގައި ގާއިމްކުރާ ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ތުޅާދުއަށް އަންނަމުން ދާ ބަދަލުތަކާއި ފެންނަމުންދާ ތަރައްގީއަކީ އެއްވެސް ރައްޔިތަކަށް އޮޅުވާލެވެނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ތުޅާދުއަށް އަންނަ ބަދަލުގެ މަންޒަރުގައި ކުލަ ޖައްސަން ނިކުމެ. ހިތްވަރާއި އަޒުމުގަ. މި މަންޒަރު ފަނޑުވާން އެޅޭނެ އެއްވެސް ފިޔަވަޅެއް އެއީ އަޅުގަނޑުމެން ފުރުސަތު ދޭނެ ކަމެއް ނޫން،" ހިސާން ވިދާޅުވިއެވެ.
އެ ރަށުގެ ތަރައްގީގެ ތަސައްވަރު ފެންނަން އޮތީ ތުޅާދޫގެ ލޭންޑް ޔޫސް ޕްލޭނުން ކަމަށް ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގެ އެއް ސަރަހައްދުގައި ހޮސްޕިޓަލު އަޅަމުންދާއިރު އެހެން ސަރަހައްދެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި އިތުރު 50 ހައުސިން ޔުނިޓް އިމާރާތްކުރަން ތުޅާދުއިން ވަނީ ބިން ކަނޑައަޅާފައި ކަންވެސް ހިސާން ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ޔަގީން މި ރަށުގެ ތަރައްގީ އައިސް އަޅުގަނޑުމެން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލްވެވޭއިރު މި ރަށާ ހަމަކުރެވޭނެ އެހެން އެއްވެސް ރަށެއް ބ. އަތޮޅުގައި ނޯންނާނެކަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތުޅާދޫގެ ރައްޔިތުންނަކީ ރަށުގެ ތަރައްގީއަށް އަބަދުވެސް އެކުގައި ނިކުންނަ ބައެއް އުޅޭ ރަށެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ރަށަށް މި އަންނަ ތަރައްގީއާއި މި އަންނަ ބަދަލާ އެކު ފަސޭހަކަމާ އެކު ކުރިއަށް ދެވޭނެ. އެންމެން އެއް އަމާޒަކަށް އެއް މިސްރާބަކަށް، މި ދަތުރުގެ މިސްރާބު ޖަހައިގެން މެނުވީ މި ރަށަށް ގެންނަން ބޭނުންވާ ބަދަލާއި ތަރައްގީ ނުގެނެވޭނެ،" ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ރަށެއް ނުވަތަ މުޖުތަމައުއެއް ކުރިއަށް އަރާއިރު ތަފާތު އެކި ދަތި އުނދަގޫ ނިންމުންތައް ނިންމަން ޖެހޭނެ ކަމަށެވެ. މިފަދަ ވަގުތުތަކުގައި އިސްކުރަންވީ އަމިއްލަ ފައިދާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ މުޖުތަމައުގެ، އަޅުގަނޑުމެން ރައްޔިތުންގެ، އަޅުގަނޑުމެން ރަށުގެ އަދި ގައުމުގެ މަސްލަޙަތު. މުޖުތަމައުއެއް ކުރިއަށް ދާނީ ރައްޔިތުންގެ މެދުގައި އޮންނަ ކުރިއެރުމާއި އެއްބައިވަންތަކަން ވަރުގަދަކޮށްގެން. އިޖުތިމާއީ ގުޅުން ވަރުގަދަ ކޮށްގެން،" ހިސާން ވިދާޅުވިއެވެ.
ތުޅާދޫ ރައްޔިތުން އެއް އަޒުމެއްގައި އެއް މަންޒިލަކަށް ވާސިލްވުމަށް އެކުގައި މަސައްކަތް ކުރާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތުޅާދޫއަކީ 3000އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. 18 އަހަރު ކުރިން އެރަށުގައި ސިއްހީ ޚިދުމަތް ފެށިއިރު މިއަދާ ހަމައަށްވެސް ދެމުން އައި އެންމެ އަސާސީ ފެންވަރުގެ ސިއްހީ ޚިދުމަތްތަކެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ތުޅާދޫގައި ގާއިމްކުރާ އައު ހޮސްޕިޓަލުގެ ބިންގާ ވަނީ އަޅާފައެވެ.
އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 124 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 18 މަސްދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.