ހުކުމް ތަންފީޒުކުރައްވަން ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރުގައި ހުންނެވިއިރު، އެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު އިތުރުކޮށްދީފިއެވެ.
ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އޭނާ ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 11ވަނަ ދުވަހެވެ. ބޭރުގައި ހުންނަވަން ދިން މުއްދަތު މިމަހުގެ 22 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ފުރުސަތު ދިނުމަށެވެ.
މުއްދަތު އިތުރުކޮށްދިނުމަށް އަދީބުގެ ފަރާތުން ކަރެކްޝަންސްއަށް ހުށަހެޅީ، ހޮނިހިރު ދުވަހެވެ. ކަރެކްޝަންސްގެ މެޑިކަލް ބޯޑުން އެ ހުށަހެޅުން ރިވިއު ކުރުމަށްފަހު މިހާރުވަނީ މި ފެށޭ އޯގަސްޓު މަހުގެ 28ވަަނަ ދުވަހާ ހަމައަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެވަޑައިގަތުމުން 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް 2020ވަނަ އަހަރު ހުކުމް ކުރިއެވެ.
އަދިވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ހުކުމް އިއްވިއިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ.