އެސްޑީއެފްސީން މިއަހަރު ވިޔަފާރިތަކަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުދި ވިޔަފާރިތަކަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދިނުމަށް ސަރުކާރުން 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީން ބުނީ، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް 1423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 1272 މީހުންނަށް 1.34 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

އެސްޑީއެފްސީން ބުނީ، ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް "ކޮވިޑް-19 ވިޔަފާރި އެހީ" ނަމުގައި ކުރިއަށްގެންދިޔަ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން މިހާތަނަށް 2،146 ފަރާތަކަށް 373 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށެވެ. މިބައިން އެންމެ ގިނައިން ދޫކޮށްފައިވަނީ ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ ލޯނުތަކެވެ.

އެސްޑީއެފްސީން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާއަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ރަށު ފަތުރުވެރިކަމާއި އައިސީޓީ އާއި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ.

މީގެ އިތުރުން ކޮމާސް، ދަތުރުފަތުރާއި އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކަށް ވެސް އެސްޑީއެފްސީން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

އެ ކުންފުނިން ދެމުންދާ އިތުރު ޚިދުމަތްތަކުގެ ތެރޭގައި އަލަށް ވިޔަފާރި ފެށުމާއި، ވިޔަފާރި ތަރައްޤީކޮށް ވިޔަފާރި ހިންގުމަށް ބޭނުންވާ މުދަލާއި، މެޝީނަރީގެ އިތުރުން ދުވަހުން ދުވަހަށް ގަތުމަށް ބޭނުންވާ ޚަރަދުތައް ކުރުމަށްވެސް ލޯނު ދޫކުރުން ހިމެނެއެވެ.

comment ކޮމެންޓް