މަނަދޫ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި މަގުމައްޗަށް ނަޖިސް ބޭރުވަމުންދާތީ އެ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަން ފަށައިފިއެވެ.
މަނަދޫގައި އަޅައިފައި އޮތް ނަރުދަމާއަކީ ވަރަށް ކުރީގެ ނަރުދަމާއެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަޅައިފައި އޮތް ނަރުދަމާއެކެވެ.
މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް "ސަން"އަށް ވިދާޅުވީ މައިގަނޑު މައްސަލައަކީ ޕަންޕުތައް ވެކިއުމް ނުކުރެވި މަތިން އަރައި ނަޖިސް ލީކުވެ މީހުން ދިރިއުޅޭ ސަަރަހައްދަށް އެޅުން ކަމަށެވެ.
"އޭގެ އިތުރުން އެއް ބަޔަކަށް ޚިދުމަތް މި ލިބެނީ. އަލަށް އާބާދުވާ ހިސާބަކަށް ނުއެއް އެޅޭ. ނޭޅުމުގެ ސަބަބުން ގެވަޅަށް ބަދަލުވެގެން އުޅޭ މީހުން އެބައުޅޭ ތާންގީ ފައްތައިގެން އެ އަށް ނަޖިސް ބޭރުކޮށްގެން ވެސް،" ޞަބީހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނަރުދަމާ ނިޒާމު މަރާމާތުކުރަން ސްޕެއާ ނުލިބޭކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ވިއްސާރަވެއްޖެނަމަ މަގުތަކުގައި ކޯރުހެދި ނަޖިސްތައް މަގުތަކަށް ވަރަށް ބޮޑަށް ލީކުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކަމަށް ހައްލު ހޯދުމަށް، ފެބްރުވަރީ މަހު މާލެއަށް ކައުންސިލުން ކުރި ދަތުރުގައި އެންވަޔަރުމަންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްްޓްރީއަށް ވެސް މި ކަން ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް މި ކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނާއި ފެނަކައަށް ވެސް ސިޓީ ފޮނުވާކަމަށް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން މަނަދޫގެ ރައްޔިތުން ސޯޝަލް މީޑިއާގައި ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.