އަންނަ އަހަރުގެ "އެއާ ސާވިސް ވޯލްޑް ކޮންގްރެސް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ކަން އިއުލާން ކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯގައި މި މަހު 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މިއަހަރުގެ ކޮންގްރެސްގެ ތެރެއިންނެވެ.
މި އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށާއި ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ބަލައިލުމަށް ދައުވަތު ދެއްވާފައެވެ.
އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކޮށް، ދުނިޔޭގެ ވައިގެ ޚިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވީއައިއޭއަށް ލިބުނު ޝަރަފެއްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެ ކޮންގްރެސްގެ ތެރެއިން ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުން ބަދަހިކުރުމަށް ވެސް މަގުފަހިވާ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއާލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބޭނެކަމަށެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި މުޅި ވައިގެ ޚިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވާނޭކަމަށް ވެސް ބުނެއެވެ.
މަހްޖޫބު ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން، އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި، އެހެނިހެން ވަސީލަތްތަކާއެކު، ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި ވީއައިއޭގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

"އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2023" ގެ ތެރެއިން---
"އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާ ލެވިގެންދާނެ. ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފަ" މަހްޖޫބް ވިދާޅުވިއެވެ
މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު މަންދޫބުންނަށް ފަހިވާއިރު، ރާއްޖެގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތު ވެސް ލިބޭނެކަމަށް އެމްއޭސީއެލްއިން ބުނެެއެވެ.
އެމްއޭސީއެލުްއިން ބުނީ، އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ކޮންފަރެސް ބޭއްވުމަށް ތާވަލްކޮށްފައިވަނީ، އަންނަ އަހަރުގެ ޖުލައިމަހުއެވެ.