އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް އައްޑޫސިޓީން ލިބުނީ ބޮޑު ތަރުހީބެއް

އުރީދޫން އައްޑޫސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް އައްޑޫ ސިޓީން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.

އުރީދޫން ކޮންމެ އަހަރަކުވެސް އަންނަނީ، "އުރީދޫ މަސްރޭސް" ނަމުގައި މަސްބޭނުމުގެ ވާދަވެރި ހަރަކާތެއް ބާއްވަމުންނެވެ. އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ މަސްރޭސް ކުރިއަށް ގެންދަނީ މާލޭގެ އިތުރުން، ކުޅުދުއްފުށި، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އުރީދޫ މަސްރޭހުގެ ހޮސްޓިން ޕާޓުނަރެއްގެ ގޮތުގައި އައްޑޫ ސިޓީ ހަމަޖެހުމާ ގުޅޭގޮތުން މުއާމަލާތްތައް ކުރިއަށްގެންދިޔައެވެ.

އެ ބައްދަލުވުމަށްފަހު އުރީދޫއިން ބުނީ، އުރީދޫ މަސްރޭހުގައި އައްޑޫ ސިޓީން އެކަނިވެސް 13 ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާކަމަށެވެ. އުރީދޫ މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ ހަތަރު ވަނަ ދުވަހެވެ. އައްޑޫ ސިޓީގައި އުރީދޫ މަސްރޭސް ފަށާނީ އޮގަސްޓްމަހުގެ 18 ވަނަ ދުވަހުއެވެ.

އުރީދޫން އައްޑޫސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

އުރީދޫ މަސްރޭހަށް ކަނޑައަޅާފައިވާ އިނާމުތަކަށް ބަލާއިރު، މުބާރާތުގެ އެކި ވަނަވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 160،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަތައް ކޮންމެ ސިޓީއަކުން ވެސް ހޮވާނެއެވެ.

އެގޮތުން އެއްވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ، އަދި ތިން ވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، އެންމެ މޮޅު މަސްވެރިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ކޮންމެ މީހަކަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހުގައި ކޮންމެ ސިޓީއަކުން މަދުވެގެން 12 ޓީމު ބައިވެރިވާއިރު، ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. އުރީދޫއިން ބުނީ މަސްރޭހުގައި 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

comment ކޮމެންޓް