ހުޅަނގު ޗައިނާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ ސިޗުއަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމައިފިއެވެ.
އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ އޯގަސްޓު މަހުން ފެށިގެންނެވެ.
މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނީ ހަފުތާއަކު ތިން ފަހަރު، ޗައިނާގެ ޗެންޑޫ ޓިއަންފޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ-320 މަރުކާރުގެ ބޯޓެކެވެ.
މި އެއާލައިނަކީ ޗައިނާގެ ޗެންޑޫ ސިޗުއަން ޕްރޮވިންސުގެ ޝުއާންލިއު އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓުކުރާ އެއާލައިނެކެވެ. އެ އެއާލައިނުން އަންނަނީ އެތެރޭގެ އުދުހުންތަކާއި ގައުމުން ބޭރުގައި ވެސް ފުޅާ ދާއިރާއެއްގައި ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުތައް ފެށުމާއެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 80،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ މާކެޓުގެ 7.9 ޕަސެންޓެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް އެހެން ގައުމުތަކުގެ އެކި އެއާލައިންތަކުން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވަން ވަނީ ހަަމަޖެހިފައެވެ.