ހުކުމް ތަންފީޒުކުރައްވަން ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރުގައި ހުންނެވިއިރު، އެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު އިތުރުކޮށްދިނުމަށް އަދީބު އެދިވަޑައިގެންފިއެވެެ.
ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އޭނާ ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 11ވަނަ ދުވަހެވެ.
ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ފުރުސަތު ދިނުމަށެވެ.
މުއްދަތު އިތުރުކުރަން އަދީބު އެދިވަޑައިގެންފައިވާއިރު މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން ވިދާޅުވީ އަދީބުގެ ފަރާތުން ރަސްމީކޮށް އެ ރިކުއެސްޓު ލިބިފައިވާކަމަށެވެ.
އެ ކަމާ މެދު ގޮތެއް ނިންމާނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުންކަމަށް އޭނާ ވިދާޅުވިއެވެ. ގޮތެއް ނިންމުމަށް ނަގާނެ ވަކި މުއްދަތެއް ޔަގީންކަމާއެކު އެނގިނުލައްވާކަމަށް ޔުސްރީން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެވަޑައިގަތުމުން 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް 2020ވަނަ އަހަރު ހުކުމް ކުރިއެވެ.
އަދިވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ހުކުމް އިއްވިއިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ.