ރަމަޟާންމަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް: ޚުތުބާ

ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔަ -- ސަން ފައިލް ފޮޓޯ/ މުޙައްމަދު ހައްޔާން

ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޢާޝޫރާ ދުވަހުގެ މާތްކަމަށް ޚާއްސަކޮށްފައިވާ މިއަދުގެ ޚުތުބާގައި ވަނީ، ޢާޝޫރާ ދުވަހާއި އޭގެ އެއް ދުވަސް ކުރިން ރޯދައަށް ހުރުމަށް ނަސޭހަތްތެރިވެފައެވެ.

މުޙައްރަމު މަހަކީ، މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މަހެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އެ މަހަކީ ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ މާތް މަސް ކަމަށް ބުނެފައެވެ.

"ރަސޫލާ ހަދީޘް ކުރައްވާފައިވޭ، ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ ﷲ ގެ މައްސަރު ކަމުގައިވާ މުޙައްރަމު މަސް. މި މަސް މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތް ކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގޭ" ޚުތުބާގައި ބުންޏެވެ.

ޢާޝޫރާ ދުވަހުން އުންމަތުގެ އެންމެހާ މީހުންނަށް ގިނަ ފިލާވަޅުތަކެއް ލިބެއެވެ. އެ ފިލާވަޅުތަކުން އިބުރަތް ހާސިލްކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވައިފައެވެ. އެގޮތުން މުސްލިމުންނަށްޓަކައި މާތް ﷲ ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުންޏެވެ.

"އެއީ އެއިން އިބުރަތް ހާސިލްކޮށް އެކަލާނގެ ނިޢުމަތްތައް ހަނދުމަ ކުރުމަށްޓަކައި. އަދި އެކަލާނގެ މަންހަޖަށް ތަބާވުމަށް. މުސްލިމް އަޚުންނޭ! މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރުތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް،" ޚުތުބާގައި ބުންޏެވެ.

ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މި ފެށުނު 1445 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަސް މީލާދީ ކަލަންޑަރުން ދިމާވަނީ މި (2023 ވަނަ އަހަރުގެ) ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހާއެވެ.

comment ކޮމެންޓް