ހިޖުރީ އައު އަހަރާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ކިސްވާ ބަދަލު ކުރުން / ފޮޓޯ: ހަރްމައިން ޝަރަފައިން

ހިޖުރީ އައު އަހަރާ ގުޅުވައި ކައުބަތުﷲ ގެފުޅުގެ އުރަކޮޅު، ކިސްވާ ރޭ ބަދަލު ކޮށްފިއެވެ.

ސައުދީގެ ޚާއްޞަ ފެކްޓްރީއަކުން ތައްޔާރު ކުރާ ކިސްވާއަށް ގާތްގަނޑަކަށް 52 މިލިއަން ސައުދީ ރިއާލް (13 މިލިއަން ޑޮލަރު) ޚަރަދުވެއެވެ.

ގެފުޅުގެ ކިސްވާ ތައްޔާރުކުރަނީ ހަތަރު ބިތުގެ އުރަކޮޅު ވެސް ވަކީންނެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަން، އަލަށް ތައްޔާރުކުރާ އުރަކޮޅުގެ ހަތަރު ބިތް ގެފުޅުގެ މައްޗަށް އަރުވައެވެ. އެއަށްފަހު، ގެފުޅުގައި ކުރިން އޮތް އުރަކޮޅު އޮޅަމުން މައްޗަށް ނަގައި ނިމުމުން، އައު އުރަކޮޅު ހަތަރު ފަރާތުން ތިރިއަށް ފަތުރައިލައެވެ. ދެން އުރަކޮޅުގެ ހަތަރު ފަރާތް، އެއް ފަރާތް އަނެއް ފަރާތާ އެކު ގުޅައިލައެވެ. އަދި ދޮރުކޮޅުގެ ފަރުދާ ވެސް އުރަކޮޅާ ގުޅައިލައެވެ.

ކިސްވާ ބަދަލު ކުރުން / ފޮޓޯ: ހަރްމައިން ޝަރަފައިން

ގެފުޅުގެ އުރަކޮޅު ވިޔަނީ އެކަމަށް ހަދާފައިވާ ފެކްޓްރީއެއްގައި އެކަމަށް، ޚާއްޞަކޮށް އުފައްދާފައިވާ މެޝިނަކުންނެވެ. ދިގުމިނުގައި 16 މީޓަރު ހުންނަ މި މެޝިނަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ވިޔާ މެޝިނެވެ. މިމެޝިނަކީ މުސްލިމުން އުފައްދާފައިވާ މެޝިނެކެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގައި 670 ކިލޯގްރާމްގެ ފަށުވި ބޭނުންކުރެއެވެ. އަދި ޚާލިސް ރަނާއި ރިހީގެ 120 ކިލޯގްރާމް ރޮދި ބޭނުންކުރެއެވެ. ކިސްވާގައި ފަވާނަގާފައިވާ ޢަރަބި ލިޔުންތައް ތައްޔާރުކޮށްފައިވަނީ ޚާލިސް ރަނާއި ރިހީގެ ރޮދިންނެވެ.

ފާއިތުވި އަހަރުތަކުގައި ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅުވައި ހައްޖު ދުވަހުއެވެ. ހިޖުރީ އައު އަހަރާ ގުޅުވައި ކިސްވާ ބަދަލު ކުރަން ފެށީ މިދިޔަ އަހަރުއެވެ. އެގޮތަށް ނިންމާފައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުންނެވެ.

comment ކޮމެންޓް