އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ނުރައްކާތަކާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޗައިނާއިން ބުނީ އެ ޓެކްނޮލޮޖީ އަކީ "ރަންއަވޭ ހޯސް" އަކަށް ވެގެން ނުވާނެ ކަމަށެވެ. އެއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓި، ކިޔަމަން ނުވާ އެއްޗަކަށް އޭއައި ވެގެން ނުވާނެ ވާހަކައެވެ.
ޗައިނާއިން އެދުނީ މީހުން ސެންސަރު ކުރުމަށް ނުވަތަ ނިކަމެތި ކުރުމަށް އޭއައި ޓެކްނޮލޮޖީ ބޭނުން ނުކުރުމަށެވެ.
އިނގިރޭސިވިލާތުން މިހާރު ރިޔާސަތު ބަލަހައްޓާ އދ.ގެ ސަލާމަތީ މަޖިލީހުގައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވީ އޭއައިގެ ސަބަބުން އިންސާނީ ދިރިއުޅުމުގެ ހުރިހާ ކަމެއް އަސާސީ ގޮތުން ބަދަލުވާނެ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަނެ، އިގްތިސާދު ކުރިއެރުވުމަށް އޭއައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ޓެކްނޮލޮޖީގެ ސަބަބުން ދޮގު މައުލޫމާތު ފެތުރޭ ކަމަށާއި ސަރުކާރާ ގުޅުން ހުރި ފަރާތްތަކާއި ގުޅުން ނެތް ފަރާތްތަކަށް ވެސް ހަތިޔާރު ހޯދަން ފަސޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލަށް މައުލޫމާތު ދެއްވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކްގެ ކޯ ފައުންޑަރު ޖެކް ކްލާކްގެ އިތުރުން ޗައިނާ-ޔޫކޭ ރިސާޗް ސެންޓަރު ފޯ އޭއައި އެތިކްސް އެންޑް ގަވަނަންސްގެ ކޯ ޑިރެކްޓަރު ޕްރޮފެސަރު ޒެންގް ޔީ އެވެ. އެގޮތުން ގުޓަރޭޒް ވަނީ އޭއައި ބޭނުން ކުރާ ގޮތަކުން ދުނިޔޭގެ ސުލްހައާއި ސަލާމަތަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެ ކަމަށެވެ.
މީގެ އިތުރުން ގުޓަރޭޒް ވަނީ އޭއައިގެ "އާދަޔާ ޚިލާފު ޓެކްނޮލޮޖީ" ބެލެހެއްޓުމަށް އދ.ގެ މުއައްސަސާއެއް އުފެއްދުމަށް ބައެއް ގައުމުތަކުން ގޮވާފައިވާ ގޮވާލުންތަކަށް ތާއިދުކުރައްވާފައެވެ.
ޗައިނާގެ އދ.ގެ ސަފީރު ޒަންގް ޖޫން ވަނީ އޭއައި އަކީ "ދެމިޔަލީ ކަނޑިއެއް" ކަމަށް ސިފަކުރައްވައި، އޭއައިއަށް އުސޫލުތައް ގާއިމުކުރުމުގައި އދ.ގެ އިސް ދައުރެއް އޮތުމަށް އެ ގައުމުން ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ.
"އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނުބައި ކަމެއްތޯ، ބިނާވެފައި އޮންނަނީ އިންސާނުން އެ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި، ރެގިއުލޭޓްކުރާ ގޮތާއި، ސައިންޓިފިކް ތަރައްގީ އާއި ރައްކާތެރިކަން ބެލެންސް ކުރާ ގޮތުގެ މައްޗަށް،" ޒަންގް ވިދާޅުވިއެވެ.
އެމެރިކާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ޖެފްރީ ޑެލޮރެންޓިސް ވެސް ވިދާޅުވީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ފަދަ ޓެކްނޮލޮޖީތައް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި އެއްވެސް މެމްބަރު ގައުމަކުން މީހުން ސެންސަރު ކުރުމަށާއި ހައްގުތައް ނަގާލުމަށް އޭއައި ބޭނުންކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.