ރާއްޖޭގެ ދެ ނޫހަކުން އޭނައާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރިކަމަށް ބުނެ އާރްޑީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން އެ ދެ ނޫހާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފިއެވެ.
އާރްޑީސީގެ އެކައުންޓުން ޔާސިރުގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި މީގެކުރިން ރިޕޯޓްކުރިއެވެ.
ޔާސިރު އަބުރުގެ ދައުވާ ކުރީ މިހާރު ނޫހާއި ދިޔަރެސްގެ މައްޗަށެވެ.
އާރްޑީސީގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ތުހުމަތުކުރުން ޔާސިރު ސިފަ ކުރެއްވީ ކުންފުނީގެ އަގު ވައްޓާލަަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
"މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. ކުންފުނީގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ އާރްޑީސީގެ ފައިސާއާ ބެހޭ ހުރިހާ މުއާމަލާތެއް 2020ވަނަ އަހަަރުން ފެށިގެން ކުރަމުން އަންނަނީ އެކައުންޓިންގެ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން، ނިންމަންޖެހޭ ހުރިހާ އޮޑިޓްތައްވެސް ނިންމާފައިވާނެކަމަށާއި އޮޑިޓްތަކުން ވެސް މިފަދަ މުއާމަލާތެއް ހިނގާފައިވާކަން އެނގިފައި ނެތްކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުރި ނަމަވެސް އާރްޑީސީގެ އެކައުންޓުން ފައިސާ ނަގައި ފައިސާގެ މުއާމަލާތެއް ކުރުމުގެ ހުއްދަ އޭނާއަށް ނޯންނަކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ. އަދި ކުންފުންޏަށް ބޭނުންވާ ފައިސާ ކުންފުނީގެ އެކައުންޓުން ނަގައި އެކަމުގެ މުއާމަލާތް ކުރަނީ އެކަމަށް ޚާއްސަ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާއިތުވި ތިން އަހަރުގެ ތެރޭގައި އާރްޑީސީގެ އެކައުންޓުން އަޅުގަނޑުގެ އަމިއްލަ އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާވެފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ޔާސިރު ވިދާޅުވިއެވެ.
އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ފަރާތްތަކުގެ ކިބައިން ޔާސިރު އެދިފައިވަނީ މިފަދަ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށެވެ. އަދި އެފަދަ ތުހުމަތެއް ކުރާއިރު ހަގީގަތް ރަނގަޅަށް ބެލުމަށްފަހު އެފަދަ ވާހަކަތައް ގަބޫލުކުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
ޔާސިރު ވިދާޅުވީ މިއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބަޔަކުކޮށްފައިވާ ތުހުމަތުތަކެއް ކަމަށާއި މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.