އެކަން ކުރީ ހެޔޮ ނިޔަތުގައި، މައްސަލައަކީ ކޮބާ؟

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުން ގެންދާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ފެންނަ ކުރެހުމެއް -- ފޮޓޯ / އެޓޯލްޓައިމްސް.އެމްވީ

އިރު އޮއްސި މޫނުއަނދިރިގަން ވަގުތެވެ. ބޮޑު އިމާރާތެއްގެ ކައިރިން ހިނގާފައި ދިޔަ، އުމުރުން ދުވަސްވެފައިވާ ދެމީހަކު އެތަނަށް މަޑުކޮށްލާފައި އެކުރިކަމެއް ކޮށްފިއެވެ. އެއީ އުމުރުން ވަރަށް ދުވަސްވެފައިވާ ދެމީހުންކަމުން، ޒުވާނުންނެކޭ އެއްގޮތަށް ދޮށީ އުމުރުގެ މީހުންވެސް އެޒާތުގެ ކަންކަން ކުރަނީތާއޭ ހިތަށް އެރިއެވެ.

ޕާކުކޮށްފައި ހުންނަ ސައިކަލުގެ ވަށިގަނޑަށާއި ޕިކަޕުތެރެއަށް ކުނި އެޅުމަކީ ޒުވާނުންގެ ފަރާތުން ފެންނަ ވަރަށް އާއްމު ކަމެކެވެ. މަގުމަތިންދާއިރު ބޯ ދަޅާއި ފުޅިއާއި ޕެކެޓުފަދަ ތަކެތި، ޕާކުކޮށްފައި ހުންނަ ސައިކަލުގެ ވަށިގަނޑަށް ނުވަތަ ޕިކަޕުގެ ތެރެއަށް އަޅާފައި ހުއްޓައި ވަރަށް ގިނައިން ފެންނާނެއެވެ. ބެލެވޭގޮތުގައި އެގޮތަށް ކަންތައް ކުރަނީ މަގުމައްޗާއި އެނޫންވެސް އާއްމު ތަންތަނަށް ކުނިނާޅަންވެގެންނެވެ. އެއީ ރަނގަޅުކަމެއްނޫންކަން އެމީހުން ޤަބޫލުކުރާތީއެވެ. ވީމާ އެއީ އެބަޔަކު "ހެޔޮ ނިޔަތުގައި" ކުރާ ކަމެއް ކަމުގައި ބަލަމާހިނގާށެވެ.

ޚިތާނުކޮށްގެން އުޅުނު ގެއެއްގައި އަޑުގަދަކޮށް ކަރޯކޭ ޖަހައިގެން ލަވަކިޔާ އަޑު އިވެއެވެ. ރޭގަނޑު ނުވައެއްޖަހައިލާހާއިރު ފަށައިގެން ދަންވިވަރަކަށް ފޯރި ގަދަވަމުންދެއެވެ. ޖެހިޖެހިގެން އެކަންކުރާތާ ތިންވަނަ ރޭ، ކޮންމެވެސް ބަޔަކު ޝަކުވާކޮށްގެން، އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ މީހަކު އެގެއަށް ގޮސް އެމީހުންނާ ވާހަކަ ދެއްކިއެވެ. ގޭ ދޮރުމައްޗަށް ނިކުމެ ތިބެ އެގެއިން ވާހަކަ ދެއްކި މީހުން މަސައްކަތްކުރަމުން ދިޔެއީ އެމީހުން އެކުރާ ކަންތައް ދިފާޢުކުރުމަށެވެ. އެއީ ޚިތާނުކޮށްގެން އުޅޭ ގެއެއްކަމަށާއި އެކަހަލަ ތަނެއްގައި ވިއްޔާ މަޖާވެސް ކުރާނެކަމަށް ބުނަމުން ދިޔައެވެ. އަދި ޝަކުވާކުރީ ކޮންބައެއްތޯވެސް ސުވާލުކުރިއެވެ. އެއީ ކޮންފަރާތެއްކަން ހާމަނުކުރެވޭނެކަމަށާއި އެ ގޭގެ ވަށައިގެންނާއި ތިރިއާއި މަތީގައިވެސް ގިނަ އަދަދަކަށް މީހުން ދިރިއުޅޭކަން އެނގޭނޫންހޭ ބުނެ އޮފިސަރު ވިސްނައިދެމުން ދިޔައެވެ. މިހާދިސާގައި، ދަންގަޑީގައި އަޑުގަދަކޮށް މިއުޒިކު ޖަހައި ލަވަކިޔައި މަޖާނެގިމީހުން އެކަން ކޮށްފައި އެވަނީ "ހެޔޮ ނިޔަތުގައި" ކަމަށް ބަލާނީދޯއެވެ. ސަބަބަކީ އެމީހުން ބުނިފަދައިން އެއީ ޚިތާނުކޮށްގެން އުޅޭ ތަނެކެވެ. އެކަހަލަ ތަނެއްގައިވިއްޔާ މަޖާވެސް ކުރާނެތާއެވެ.

ސްމާޓު ސިޓީއެއްގެ ގޮތުގައި ފައްކާކުރަމުންގެންދާ ހުލުމާލޭގައި އާއްމުން ދިރިއުޅޭ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް ނަޒަރު ހިންގައިލަބަލާށެވެ. ރަޖިސްޓަރީއަކާ އަދި ފީއަކާވެސްނުލައި މިލްކުކޮށްފައިވާ "ގަރާޖުތައް" ވަރަށް ގިނައިން ފެންނާނެއެވެ. އެތަންތަނުގައި ވެހިކަލު މަރާމާތުކުރުމާއި ދޮވުމުގެ މަސައްކަތް ދޭސީ ބިދޭސީންގެ އަތްތަކުން ބަރާބަރަށް ކުރިއަށްދާނެއެވެ. އެމީހަކަށް ފަސޭހަ ވަގުތެއްގައި، ފަސޭހަ ތަނެއްގައި ބާއްވައިގެން ވެހިކަލަށް ދޭންޖެހޭ ޚިދުމަތްތައް ދެމުން ގެންދަނީއެވެ.

ދާދިފަހުން ހިނގި ކަމެކެވެ. ހުޅުމާލޭގެ އެންމެ ކާރޫބާރު ބޮޑު ނިރޮޅު މަގުގެ އެއްފަރާތެއްގައި ކާރު ބާއްވައިގެން ހޮޅިއަކުން ޕްރެޝަރުގައި ފެންޖަހައި، ބިދޭސީއަކު ކާރެއް ދޮންނަމުން ދިޔައެވެ. އެވަގުތު ކައިރިން ދަތުރުކުރަމުން ދިޔަ ބައެއްމީހުންނަށްވެސް އެކަމުގެ އުނދަގޫ ފޯރިއެވެ. ނަމަވެސް، ނުރުހުމުގެ ހިތަކާއެކު ލޯ ބޮޑުކޮށްލައި މޫނަށް ރޫއަރުވައިލުން ފިޔަވައި އިތުރަށް ކުރެވޭނެކަމެއްނެތްކަމުގެ އިހުސާސާއެކު އެންމެންވެސް ދިޔެއީއެވެ. ބްރޭންޑާއި ސިފައަށް ބަލާއިރު އަގުބޮޑުކަމަށް ބެލެވޭ އެ ކާރު ގަތުމުގެ ކުޅަދާނަކަން ހުއްޓަސް، ޚިދުމަތުގެ އަގުތައް އުފުލިފައިވާތީ، ކާރު ދޮންނަން ގަރާޖަކަށް ދައްކާނެ ފައިސާ އޭގެ ވެރިމީހާގެ އަތުގައި ނެތީކަމަށް ވެދާނެއެވެ. ނޫނީވިއްޔާ ކާރު ބަލަހައްޓާ ބިދޭސީ މީހާއަށް މުސާރަ ދީފައި، އަނެއްކާ ގަރާޖަށް ބޮޑު އަގު ދީގެން ކާރު ދޮންނަންވީމައި ކުޑައިކޮށް ބުރަ ބޮޑުވަނީކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ... ކާރުގެ ވެރިމީހާ އެގޮތަށް ކަންތައް އެކުރަނީ ހެޔޮ ނިޔަތުގައިނޫންހެއްޔެވެ؟ އޭނާ ފައިސާ އިޤުތިޞާދުކުރީއެވެ. މުހިއްމު އެހެން ކަންތައްތަކަށް ބޭނުންކުރުމަށްޓަކައެވެ.

އިސްވެދިޔަ ތިންހާދިސާގައިވެސް އެމީހުން ކަންތައް ކޮށްފައި އެވަނީ ހެޔޮ ނިޔަތުގައި ކަމަށް ބަލައިފިނަމަ ... އޭގައި އޮތީ ކޮން މައްސަލައެއްހެއްޔެވެ؟ ހެޔޮ ނިޔަތުގައި ކުރާ ކަމެއް މައްސަލައަކަށްވާނެހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. ކިތަންމެ މާތް މަތިވެރި ހެޔޮ ނިޔަތެއްކަމަށްވިޔަސް، ބުނެވިދިޔަ އެއްވެސް ކަމެއް އެގޮތަކަށް ނުކުރެވޭނެއެވެ.

މަގުމަތީ އުޅޭއިރު ތިމާ އުކައިލަން ބޭނުންވާ ދަޅުފުޅިއާއި ޕެކެޓާއި އެނޫންވެސް ކުނިބުނި އުކައިލަންޖެހޭނީ އެކަމަށް ޚާއްޞަ ތަނަކަށެވެ. މަގުމަތީގައި ހުންނަ ޑަސްބިނަކަށް ވައްޓައިނުލެވޭނަމަ އެމީހެއްގެ ގެއަށް އެއެއްޗެއް ގެންދާނީއެވެ. ތިމާ އަދާކުރަންޖެހޭ ޒިންމާއެއް، ކަމާ އެއްވެސް ބެހުމެއްނެތް ބައެއްގެ ބޮލުގައި އަޅުވައިގެންނުވާނެއެވެ! ޚިތާނުކޮށްގެން އުޅޭ ތަނެއްގައި މަޖާކުރިޔަސް އެކަންވެސް ކުރަންޖެހޭނީ ދެންތިބީންނާމެދުގައިވެސް ވިސްނުން ބަހައްޓައިގެންނެވެ. ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކަށް ސަމާލުކަން ދީގެންނެވެ. އެކަމަށް އެކަށީގެންވާ ތަންތަނަށް ގެންގޮސްގެން ކުރަންޖެހޭފަދަ މަރާމާތުތައް ކުރުމާއި ވެހިކަލު ދޮވެ ސާފުކުރުން އެއީ އާއްމު މަގުތަކުގައި ކުރެވިގެންވާނެ ކަންކަމެއްނޫނެވެ. އެފަދައިން ކަންކުރުމުގެ ޙައްޤު، އެކަމުގެ މިނިވަންކަން ހަމަ އެކަކަށްވެސް ނޯންނާނެއެވެ! ގޭ ކުރިމަތީ މަގުގައި ބާއްވައިގެން ތިމާގެ އަގު ބޮޑު ކާރު އޮފުކުރާ "މަހުޖަނު" މީހާވެސް މި ޙުކުމުން އިސްތިސްނާއެއްނުވާނެއެވެ. އޭނާވެސް ޖެހޭނީ އޭނާއަށް ކަނޑައެޅިފައިވާ އިމުގެތެރޭގައި ހުންނާށެވެ.

ކިތަންމެ މުހިއްމު މުނާސަބަތަކާ ގުޅިގެންނަމަވެސް، ގާތުގައި ދިރިއުޅޭމީހުންނަށް "އެކަށީގެންނުވާ" އުނދަގޫކަން ލިބޭގޮތަށް ޢަމަލު ކުރުމީ އަވަށްޓެރީންނަށް އުނދަގޫކުރުމެވެ. އެއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ. އެމީހެއްގެ ދުއްތުރާތަކުން އޭނާގެ އަވަށްޓެރިޔާ ސަލާމަތްނުވާގޮތަށް ޢަމަލުކުރާމީހާއަކީ ﷲ އަށް އީމާންވެގެންވާ މީހެއްނޫންކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(متفق علَيْه) މީސްމީހުންގެ ސައިކަލުގެ ވަށިގަނޑާއި ޕިކަޕުފަދަ އެއްޗެއްސަށް ކުނި އެޅުމަކީ އެހެންމީހުންނަށް ދުއްތުރާ ކުރުމެވެ. އަނެކާގެ ޙައްޤަށް ބޭއިޙްތިރާމުކޮށް ނިކަމެތިކޮށްލުމެވެ. އެންމެންނަށް އެއްވަރަށް ޙައްޤު ލިބިފައިވާ، އާއްމު މަގުތަކުގައި އެމީހަކު ބޭނުން މަސައްކަތެއް ބޭނުންގޮތަކަށް ކުރުންވެސް މިފަދައެވެ. މިއީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނުބައި ކަންކަމެވެ.

މުސްލިމަކީ ތިމާގެ އަތާއި ދުލުގެ އުނދަގުލުން އެހެންމުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހާކަމަށް ޙަދީޘްގައިވެއެވެ.(متفق علَيْه) މަގުމަތީގައި ހުންނަ، މީހުންނަށް އުނދަގޫވާފަދަ ތަކެއްޗާއި ކަންކަން އެއްފަރާތްކޮށް މީސްތަކުންނަށް ފަސޭހަކޮށްދިނުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވިއެވެ.(މުސްލިމް: 2618) އަދި އެއީ ސަވާބު ލިބޭނެ ޞަދަޤާތެއްކަމަށް ޙަދީޘްކުރެއްވިއެވެ.(متفق علَيْه) ހަމަމިއާއެކު، މަގުމަތީގެ ޙައްޤުތައް އަދާކުރުމަށް އެންގެވި ބަސްފުޅުގައިވަނީ މިފަދައިންނެވެ. "(މަގުމަތީގައި އުޅޭއިރު) ބެލުންތައް ތިރިކުރާށެވެ! މީހުންނަށް އުނދަގޫ ލިބެނިވި ކަންކަން އެއްފަރާތްކުރާށެވެ! ސަލާމަށް ޖަވާބު ދޭށެވެ! ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރާށެވެ!"(متفق علَيْه)

ވީމާ ހެޔޮ ނިޔަތުގައިކަމަށްވިޔަސް، ތިމާގެ ފުށުން އެހެންމީހުންނަށް އުނދަގުލާއި ތުރާ ލިބޭފަދަ ޢަމަލުތައް ނުކުރަމާހިނގާށެވެ. އޭގެ ބަދަލުގައި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް ތިމާގެ ފަރާތުން އަނެކާއަށް ހެޔޮކަމެއް ފޯރުކޮށްދޭ މީހަކަށްވަމާ ހިނގާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް