ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވަނީ -- ފޮޓޯ/ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް، ގާސިމްގެ ވިލާ ޕާކު [ސަން އައިލެންޑު]ގައި ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.

ޖޭޕީގައި ތިއްބެވުމަށް ފަހުގައި، އަމިއްލަފުޅު ޕާޓީއެއް އުފައްދަން އެ ޕާޓީން ވަކިވި، ނާޒިމާއި ގާސިމް ބައްދަލު ކުރައްވާއިރު، ދެ ބޭފުޅުން ވެސް އަންނަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ.

ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު "ސަން"އަށް ވިދާޅުވީ، ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު، ބައްދަލުވުން އަދި ވެސް ކުރިއަށް ދާތީ އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް -- ފޮޓޯ/ އަހުމަދު ނިހާން ހުސައިން މަނިކު

އެހެންވެ، ބައްދަލުވުމުގެ ތަފުސީލު ފަހުން، ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ، ޖޭޕީން ވަކިވުމަށް ފަހުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނާޒިމާއި ގާސިމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ޖޭޕީގައި ތިއްބަވާފައި ނާޒިމާއި އަބްދުﷲ ރިޔާޒު ވަކިވުމުން، ގާސިމް މީގެ ކުރިން ވަނީ ނުރުހުން ފާޅު ކުރައްވައި އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތުމަށް ފަހު، ޖޭޕީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އަރުވައިފައެވެ. އޭނާ އަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ.

ނާޒިމަށް ވެސް އެމްއެންޕީން ވަނީ ރިޔާސީ ޓިކެޓު އަރުވައިފައެވެ. އޭނާ ގެންދަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ.

ނާޒިމާއި ގާސިމް ވެސް ގެންދަވަނީ އެކިއެކި ޕާޓީތަކާ އެކު ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން، އެ ދެ ޕާޓީން ވެސް މި ފަހުން ވަނީ އިދިކޮޅު ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް