އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖޭގެ ސާފިން ޓީމުން މުބާރާތް ނިންމާލީ ރިހި މެޑަލްއާއެކު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސާފިން ޓީމުން އުފާފާޅުކުރަނީ -- ފޮޓޯ/ މޯލްޑިވްސް ސާފިން އެސޯސިއޭޝަން

ރާއްޖޭގެ ސާފިން ޓީމުން ރިހި މެޑަލްއަކާއެކު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.

މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްގެންދިޔައީ ރާއްޖޭގައެވެ. މިމަހުގެ އަށްވަނަ ދުވަހު ކ. ތުލުސްދޫގައި ފެށި އެ މުބާރާތް ނިންމާލާފައިވަނީ އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފިރިހެން ސާފިން ޓީމުން ވަނީ ރޭންކިންގެ ދެވަނަ ހޯދައި، ރިހި މެޑަލް ހޯދައިފައެވެ. ރޭންކިންގެ އެއްވަނަ ހޯދައިގެން ޖަޕާނުން ރަން މެޑަލް ހޯދި އިރު، ލޯ މެޑަލް ހޯދީ އިންޑިއާއެވެ. އަންހެނުންގެ ރޭންކިންގެ ވެސް އެއްވަނަ ހޯދައިގެން ރަން މެޑަލް ހޯދީ ޖަޕާނެވެ. އަންހެނުންގެ ރޭންކިންގެ ދެވަނަ ޗައިނާ އިން ހޯދި އިރު، ތިންވަނަ ހޯދީ ތައިލެންޑެވެ.

މިއަހަރު މުބާރާތުގައި ރާއްޖެއިން އެންމެ ރަނގަޅު ކާމިޔާބެއް ހޯދާފައިވަނީ ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ހުސައިން އަރީފް (އިބޫ) އެވެ. މުބާރާތުގެ ފިރިހެން ބައިގެ އޯޕަން އިވެންޓުން އޭނާ ލޯ މެޑަލްއެއް ހޯދާފައިވާ އިރު، އޭނާއަކީ 2019 ވަނަ އަހަރުގެ މުބާރާތުގައި ވެސް ލޯ މެޑަލްއެއް ހޯދި ރާޅާއެޅުންތެރިޔާއެވެ.

ފިރިހެން ބައިގެ އޯޕަން އިވެންޓުގެ ފައިނަލް ފައިނަލް ހީޓުގައި ވާދަކޮށް، އެއްވަނަ ހޯދައިގެން ރަން މެޑަލް ހޯދީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯއެވެ. ރިހި މެޑަލް ހޯދީ ޖަޕާންގެ ރިކީ ސަޓޯއެވެ. ރާއްޖޭގެ އިބޫ ތިންވަނަ ހޯދި އިރު، ހަތަރުވަނައިގައި ނިންމާލީ ޖަޕާންގެ އިކޯ ވަތަނާބޭ އެވެ.

އިބޫ ވަނީ މިއަހަރުގެ މުބާރާތުގެ ޓީމް އިވެންޓުގެ އަލޯހާ ކަޕުން ވެސް ލޯ މެޑަލްއެއް ހޯދައިފައެވެ. އެ މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ހިމެނުނީ އިބޫގެ އިތުރުން ހޫދު އަހުމަދާއި ރާހިލް ނަސީމް އަދި އަހުމަދު އާގިލްއެވެ.

comment ކޮމެންޓް