ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގައި މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ، ފިރިހެން ކުދިންނެވެ. އެގޮތުން ކުޑަކުދިންނަށް އެކިކަހަލަ އަނިޔާކުރުމާ ގުޅޭގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަަށް ބަލާއިރު:
- ޖިންސީ ގޯނާ: 15 އަންހެން ކުދިން، 10 ފިރިހެން ކުދިން
- ކުޑަކުދިން ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން: ދެ ފިރިހެން ކުދިން
- ޖިސްމާނީ އަނިޔާ: ހަ އަންހެން ކުދިން، 12 ފިރިހެން ކުދިން
- ބުލީކުރުން: ދެ ފިރިހެން ކުދިން
- ނަފްސާނީ އަނިޔާ: ތިން އަންހެން ކުދިން، ހަތަރު ފިރިހެން ކުދިން
- ފުރައްސާރަކުރުން: ތިން އަންހެން ކުދިން
- ކުޑަކުދިންނަށް އަޅާނުލުން: 15 އަންހެން ކުދިން، 18 ފިރިހެން ކުދިން
- އަނިޔާ ކުރާތަން ފެނުން: ހަ އަންހެން ކުދިން، ހަ ފިރިހެން ކުދިން
- ބްލެކްމެއިން ކުރުން: އެއް ފިރިހެން ކުއްޖެއް
- އެހެނިހެން މައްސަލަތައް: އެއް އަންހެން ކުއްޖެން
މީގެ އިތުރުން، މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ 10 އަހަރާއި 13އަހަރާ ދެމެދުގެ ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މި އުމުރުފުރާގެ 28 އަންހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައި ވާއިރު، 23 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ.
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި އާއިލީ މައްސަލަތަކަށް ބަލާއިރު، ދަރިން ބެލުމުގެ 11 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ކޯޓު މެދުވެރިކޮށް ދަރިން ހޯދުމަށް ފަސް މައްސަލައެއް ހުށަހަޅާފައި ވާއިރު، ދަރިފުޅާ ބައްދަލު ނުވެވޭ 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުޑަކުދިންގެ އަދަދު ވެސް ޖެންޑާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން 104 ފިރިހެން ކުދިންނާއި 76 އަންހެން ކުދިން ދައުލަތުން މިވަގުތު ބަލާއިރު، އެއީ ޖުމްލަ 180 ކުދިންނެވެ.
މީގެ ތެރެއިން އެއް ކުއްޖަކު މިދިޔަ މަހު ވަނީ ފޮސްޓާ ކޮށްފައެވެ. އަދި ދެ ކުއްޖަކާ އާއިލާއިން ހަވާލުވެފައި ވާއިރު، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެއް އަންހެން ކުއްޖެކެވެ.