ރައްދު ދޭންވާނީ ގަޔަށް ބޮލަށް އަރައިގެނެއް ނޫން: ރަފިއްޔާ

އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ދޮށުގައި --

ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކައަށް ރައްދު ދޭން ވާނީ "ގަޔަށްބޮލަށް އަރައިގެން" ނޫން ކަމަށާއި އެއީ މި ޒަމާނުގެ ޑިމަކްރަސީ ނޫން ކަމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، އިހްތިޖާޖު ކުރަމުންދިޔަ އިދިކޮޅު ސަޕޯޓަރުން ރޭ ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ތެރެއަށް ވަދެ، އެ ތަނުގައި ތިބި މީހުން ގަޔަށް ފެން އުކާ، ހަޑިހުތު އެއްޗެހި ގޮވައިފައެވެ.

އެކަން ކުށްވެރި ކުރައްވާ މިއަދު "ސަން"އާ ވާހަކަދައްކަވަމުން ރަފިއްޔާ ވިދާޅުވީ، މި ޒަމާނުގެ ޑިމޮކްރަސީއަކީ ހަށިގަނޑުގައި މަސް ފުއްޕައިގެން ނުވަތަ އަޑުގަދަ ކޮށްގެން ހިންގާ އެއްޗެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ޒަމާނުގެ ޑިމަކްރަސީއަކީ ވަރަށް އިލްމީކޮށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

"މި ޒަމާނުގެ ޑިމަކްރަސީއަކީ ހަށިގަނޑުގެ މަސް ފުއްޕައިގެން އަޑުގަދަ ކޮށްގެން ހިންގާ ޑިމަކްރަސީއެއް ނޫން. ވަރަށް އިލްމީކޮށް، ކުރިއަށް ގެންދާ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވަގުތު އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރުގައި ތިބި އެ ޕާޓީގެ ކައުންސިލް މެންބަރުންނާއި އަދި އެ ޕާޓީގެ ލީޑަރަށް ވެސް ހުތުރު ބަހުން އެއްޗެހި ގޮވާފައިވާ ކަމަށެވެ. އަދި، ފެން އުކާ، އެ ތަނަށް ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެކަން ކުށްވެރި ކުރައްވައިފައެވެ. އަދި، އެއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފައެވެ.

ރަފިއްޔާ ވިދާޅުވީ، "ރޫޅާލައިނަން، ތަޅާލައިނަން،" މި ބަސް ބަހަކީ ސިޔާސީ ބޭފުޅުން ފިތުނަ އުފައްދަން ބޭނުން ކުރާ ބަސްބަސް ކަމަށާއި އެ ފަދަ ކަންކަމުގެ ސަބަބުން އެފަދަ ނުރައްކާތެރި ކަންކަން ކުރުމަށް އާންމުންނަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ނަފުރަތު އުފައްދާ ވަރަށް ބޮޑެތި ބަސްތައް އެބަ ބޭނުން ކުރޭ. ތަންތަން ހަލާކުކޮށް ސުންނާފަތި ކުރަން. އެ ފަދަ ބަސްތައް ބޭނުން ކުރަންޏާ، އާންމު ރައްޔިތުންނަށް ހިތްވަރު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ، ޑިމަކްރަޓިކް އުސޫލަކީ މަޝްވަރާގެ ރިވެތި އުސޫލު ކަމަށެވެ. އަދި، ސިޔާސީ ގޮތުން ބޭބޭފުޅުން ދައްކަވާ ވާހަކަފުޅަށާއި ކުރައްވާ ކަންތައްތަކަށް ރައްދު ދެއްވަން ވާނީ ވެސް ސިޔާސީ ޕޯޑިއަމްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ [ޕީޕީއެމްގެ] އެއްވެސް މައްސަލައެއް އޮތީ ވިއްޔާ، ހަމަ ސިޔާސީ ޕޯޑިއަމްގައި އެކަން ކުރައްވާ. ސިޔާސީ ބޭފުޅުން ސިޔާސީ ބޭފުޅުންނަށް ރައްދު ދެއްވާނީ ސިޔާސީ ޕޯޑިއަމްތަކުގައި. މީހުން ފޮނުވައިގެން އެގޮތަށް ރައްދު ދިނުމަކީ ވަރަށް ބާބޭރިއަން [ނާތަހުޒީބު] ގޮތެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް