އެކްސްއޭއައިއިން އޭއައި މޮޑެލް ތަމްރީނުކުރަން ޓުވީޓްތައް ބޭނުން ކުރާނެ: މަސްކް

އީލޯން މަސްކް ވަނީ އާ އޭއައި ކުންފުންޏެއް އުފައްދާފަ --

އީލޯން މަސްކްގެ އެކްސްއޭއައިއިން އޭއައި މޮޑެލްގެ ތަމްރީނުތަކަށް ޕަބްލިކް ޓުވީޓްތައް ބޭނުންކުރާނެ ކަމަށް މަސްކް ބުނެފިއެވެ.

ޓްވިޓާ ސްޕޭސްގައި 90 މިނިޓަށް ދެމިގެންދިޔަ އޯޑިއޯ ޗެޓެއްގައި މަސްކް ވަނީ އޭނާގެ އާ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި، އެކްސްއޭއައިގެ ތަސައްވުރާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އެ ކުންފުނީގެ މަގްސަދަކީ "ކާއިނާތު ދެނެގަތުން" ކަމަށް އޭނާ ބުންޏެވެ.

އެކްސްއޭއައި އުފައްދާފައިވާކަން މަސްކް އިއުލާންކުރީ، އޭއައިގެ ސަބަބުން އިންސާނުންނަށް ހުރި ނުރައްކާތަކަށް ބެލުމެއް ނެތި އޯޕަންއޭއައި އާއި ގޫގުލް ފަދަ ކުންފުނިތަކުން އެ ޓެކްނޮލޮޖީ ތަރައްގީ ކުރާ ކަމަށް ތުހުމަތު ކުރުމަށް ފަހުގައެވެ.

މިކަމާ ގުޅިގެން އޯޕަންއޭއައި އާއި ގޫގުލް އިން ވަކިއެއްޗެއް ބުނެފައި ނުވާއިރު، މަސްކް ބުނީ އޭނާ އުފައްދަނީ މައިކްރޮސޮފްޓާއި ގޫގުލް އާއި އޯޕަންއޭއައިއާ ޚިލާފަށް، "ރަނގަޅު އޭޖީއައި"އެއް ކަމަށެވެ. އޭޖީއައި ނުވަތަ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްއަކީ އިންސާނަކު ފަދައިން މައްސަލަތައް ހައްލުކޮށްދޭ އޭއައި މޮޑެލްއެކެވެ.

މަސްކްގެ ސްޕޭސް ސެޝަންގައި އޭނާ ބުނީ އެކްސްއޭއައި އިން އޭނާގެ އެހެން ކުންފުނިތައް ކަމަށްވާ ޓްވިޓާ އާއި ޓެސްލާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ޕަބްލިކް ޓުވީޓްތައް ބޭނުންކުރާނެ ކަމަށާއި އޭއައި ސޮފްޓްވެއާ މަސައްކަތުގައި ޓެސްލާ ވެސް ބައިވެރިކޮށްފާނެ ކަމަށް އޭނާ ބުންޏެވެ.

އެފަދަ ގުޅުންތައް ބޭއްވުމުން، އެކަމުގައި ބައިވެރިވާ ހުރިހާ ކުންފުންޏަކަށް ވެސް ފައިދާވާނެ ކަމަށާއި ޓެސްލާގެ ސެލްފް ޑްރައިވިން ކެޕޭސިޓީގައި ކުރާ މަސައްކަތްތައް ހަލުވިވާނެ ކަމަށް މަސްކް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްކް ވަނީ، އެހެން އޭއައި ކުންފުނިތަކުން ޓްވިޓާގެ ޑޭޓާ ބޭނުންކޮށްގެން މޮޑެލްތައް ތަމްރީނު ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށް ތަކުރާރުކޮށް ތުހުމަތުކޮށްފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް ހިންގުން ގަވާއިދުތަކަށް ފެއްތުމަށް ގޮވާލަމުންދާ މަސްކް ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން އޭނާ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާ ވެސް ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި، އޭއައި ރެގިއުލޭޓް ކުރުމަށް ބާރުއެޅި ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް