އަންނަ އަހަރު ދެ މިލިއަންވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައުމަކީ ދެކޭ އުވަފެނެއް ކަމަށް މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ބުނެފިއެވެ.
މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ރަޝިޔާގެ މޮސްކޯއަށް ނިސްބަތްވާ އެންޓޮން ޕަވްލޯއެވެ. ބްރިޓިޝް އެއާވޭސްގެ ފްލައިޓަކުން މިއަދު ހެނދުނު އެންޓޮން ރާއްޖެ އައީ އޭނާގެ ބައިވެރިޔާ އަނަސްތަޝިޔާ ކްލިންސްކީ އާއި ދަރިފުޅުވެސް ގޮވައިގެންނެވެ.
"މިއީ އަހަރެމެން ރާއްޖެއައި ފުރަތަމަ ފަހަރު. މިއީ އެއްވެސް ވަރަކަށް އުންމީދު ކުރިވެސް ކަމެއް ނޫން. އުންމީދު ކުރަނީ އަންނަ އަހަރު ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށްވެވޭނެ ކަމަށް،" އޭނާ ބުންޏެވެ.
އެންޓޮން އާއި އޭނާގެ ބައިވެރިޔާ ރާއްޖެ އައީ ދެ ހަފުތާއަށެވެ. އެމީހުން، ޗުއްޓީ ހޭދަކުރަނީ ބ. ވައްކަރު މޯލްޑިވްސް ރިސޯޓުގައެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލުވުމުން ދެން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރޭ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފުލާގައި "ސަން"އާ ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޠަޔިއްބު މުޙައްމަދު ވިދާޅުވީ އެ ކުންފުނިން މިއަހަރުގެ މިހާތަނަށް އުންމީދުކުރި ނަތީޖާއާ ގާތަށް ދެވިއްޖެ ކަމަށެެވެ.
"މި އަހަރު އެއް މިލިއަން މި ހަމަވީ ޖުލައި މަހުގެ ތެރޭގަ. މިދިޔަ އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ހަމަވީ އޯގަސްޓުމަހުގެ ތެރޭގަ. އެހެންކަމުން، ޖުމްލަކޮށް މީހުން އަންނަވަރު މަދޭ ބައެއް ތަންތަނުން ބުނަމުން ދިޔަޔަސް ޖުމްލަކޮށް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެއަށް އައި މީހުންގެ އަދަދު ރަނގަޅޭ އަޅުގަނޑަށް ދެންނެވޭނީ،" ޠަޔިއްބު ވިދާޅުވިއެވެ.
ޗައިނާ އާއި ސައުތު ކޮރެއާގެ މާކެޓް ދަށަށް ދާ ސަބަބެއްގެ ގޮތުގައި ޠަޔިއްބު ފާހަގަކުރެއްވީ އެ ގައުމުތަކުގެ ތެރެއިންނާއި ބޭރުން ދިމާވާ ބައެއް ގޮންޖެހުންތަކެވެ. ކޮވިޑަށްފަހު ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު ޗައިނާއިން ގިނަ ފަތުރުވެރިންތަކެއް އަންނާނެކަމަށް އުންމީދު ކުރެވުނަސް އެކަން އެގޮތަށް ނުވި ސަބަބުތަކުގެ ތެރޭގައި ޗާއިނާއިން ބައެއް ގައުމުތަކަށް ޝެޑިއުލް ފްލައިޓްތައް ފަށާފައިނުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސައުތު ކޮރެއާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ނުބާއްވާތާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަމުން މިދަނީ އެބޭފުޅުންނާ [ޗައިނާ އާއި ސައުތު ކޮރެއާ] ވާހަކަދައްކައިގެން ކުރެވިދާނެ ނުވަތަ ކޮށްދެވިދާނެ ކަންތައްތަކަކީ ކޮބައިތޯ. އަޅުގަނޑުމެން ބެލި ބެލުމަށް އެމްއޭސީއެލްގަ އަބަދުވެސް ހުރޭ ސްލޮޓުތައް ބުކްވެފަ. އެހެންނަމަވެސް ފަހު ވަގުތު ބައެއްކަހަލަ ކަންކަމާ ހެދި ކެންސަލް ކުރަމުން އެދަނީ،"
ޠަޔިއްބު ވިދާޅުވީ އެމްއެމްޕީއާރުސީން މަސައްކަތް ކުރަނީ ލިބޭ އާމްދަނީއަކުން ވީހާވެސް ރަނގަޅު ގޮތަކަށް، ރަނގަޅު ވިސްނުމެއްގަ، ރަނގަޅު ސިޔާސަތަކާ އެކު ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއަދު އެއް މިލިއަން ފަތުރުވެރިން މި ހަމަވީ ވަކި މީހަކު ކުރާ މަސައްކަތަކުން ނޫނޭ. ރާއްޖެ މިއީ އެންމެ ފުރަތަމަ ހުޅުވާލި ގައުމު. ރައީސުލްޖުމްހޫރިއްޔާ އެވަރުގެ ބޯލްޑް ޑިސިޝަންއެއް ނެގުން ވެގެން ދިޔައީ މިއަދުވެސް ގިނަ ފޯރަމްތަކެއްގައި އެވާހަކަތައް ނަމޫނާއަކަށް ބަލަމުންދާ ކަމަކަށް. އެއީ އަޅުގަނޑުމެންގެ ރާއްޖެ ފަޚުރުވެރިވާން ޖެހޭ ސަބަބެއް. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގައި ރަން އަކުރުން ލިޔެވޭނެ އެއް ކަންތައް،" ޠަޔިއްބު ވިދާޅުވިއެވެ.
ކޮވިޑް ހާލަތު ދިމާވި 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ބޯޑަރު ބަންދުކުރުމަށްފަހު އަލުން ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިއިރު އެ މަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އެ އަހަރުގެ އޮގަސްޓުމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން އައިސްފައިވެއެވެ.
ޖެހިގެން އައި 2020 ވަނަ އަހަރު ރާއްޖެއަށް 555,494 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.