ރަތްމަންދޫ ރަށްގިރުން ކަންބޮޑުވާ މިންވަރެއްގައި، ރަށުން އެދެނީ ބަނދަރަކަށް!

މ. ރަތްމަންދޫގެ މޫނުމަތި، ޖެޓީއެއް އޮތް ނަމަވެސް ރަށް އަންނަނީ ހަލުވި މިނެއްގައި ގިރަމުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕޭން ކަވަރޭޖަށް މ. އަތޮޅަށް އަޅުގަނޑު މި ކުރާ ދަތުރުގައި މި އެރުނީ މ. ރަތްމަންދޫއަށެވެ. ވޭވަށަށް ފަހު މި އަތޮޅުގައި އެންމެ އާބާދީ މަދު ރަށަށެވެ.

މި ރަށަށް ކައިރިކުރުމަށް ޓަކައި މާސިންގާ ފަޅު ތެރެެއިން ދުއްވައިފައި ދިޔައިރު މާ ދުރުން ރަށުގެ ހިތްގައިމު މަލަމަތި ފެނުނެވެ. ރަށަށް ލޯންޗު ކައިރިކޮށްފިއެވެ. ވަށައި ބަލައިލެވުނީ ބަނދަރެއް އޮތްތޯއެވެ. ހޯދައި ހޯދައި ނުފެނުމުން، ލޯންޗު ކައްޕި ކައިރި އަހައިލުމުން އޭނާ ބުނީ، މިއީ ބަނދަރު ނެތް ރަށެއްކަމަށެވެ.

ރަށަށް އަރަން ޖެހުނީ ކޮންކްރީޓު ފާލަމެއް މަތިންކަމުގައިވީ ނަމަވެސް ދެން ތަސައްވުރު ކުރެވުނީ މޫސުން ގޯސް ކަނޑުގަދަ ދުވަހެއްނަަމަ ރަށާ ކައިރި ނުކުރެވި އުޅެން ޖެހޭނެ ދަތި ހާލެވެ.

މ. ރަތްމަންދޫގެ މޫނުމަތި، ޖެޓީއެއް އޮތް ނަމަވެސް ރަށް އަންނަނީ ހަލުވި މިނެއްގައި ގިރަމުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ރަށުގައި ފައިތިލަ ޖެހުމާއެކު އަޅުގަނޑު ގާތު ހުރި ރަށުުގެ އުމުރުން ދުވަސްވީ މީހަކު ގާތު ކަން އޮތްގޮތް އޮޅުން ފިލުވީމެވެ.

"ކޮއްކޯ، ތިޔަ ވާހަކަ ނުދައްކާ. އަހަރުމެން ކިޔާ ކިޔާ މިކަން އަދި ވާގޮތެއް ނުވޭ،" ހިނިގަނޑެއް ޖަހައިލުމަށްފަހު އޭނާ ކިޔައިދިނެވެ.

ފަހަރުގައި އެއީ އާބާދީ މާ މަދުވުމުން ސަރުކާރުތަކުން ކޮށްދޭން ބޭނުންނުވާ ކަމަކަށް ވެދާނެކަމަށް ވެސް އޭނާ ބުނެލިއެވެ.

"އާދަޔާ ޚިލާފަށް ރަށް ގިރުމާއި، ރަށުގައި ބަނދަރެއް ނެތުމަކީ ރަށަށް ދިމާވެފައިި އޮތް އެންމެ ބޮޑު މައްސަލަ،" ރަށުގެ ޒުވާނަކު ބުންޏެވެ.

ރަށްގިރުމުގެ މައްސަލައަށް ހައްލަކަށް އެދި ވީ ދުވަހެއް ނޭނގޭކަމަށް ރައްޔިތުން ބުނެއެވެ.

"އަޅުގަނޑުމެން ދެން ބޭނުންވަނީ ރަށުގެ މޫނުމަތިން މި ގިރާ ބޮޑު ސަރަހައްދު ބަނދަރަކާއެކު ހައްލުވާން،" ރައްޔިތަކު ބުންޏެވެ.

ހަމައެއާއެކު ރަށުގައި މިއަދާ ހަމައަށް ވެސް ކިޔަވައިދެނީ ގްރޭޑް ފަހަކާ ހަމައަށެވެ. ރަށުގެ ރައްޔިތުން ދެން ކުރާ އުންމީދަކީ ރަށުގައި ތިބެ މަތީ ގްރޭޑްތަކަށް ކިޔެވޭނެ ގޮތް ވުމެވެ.

އާބާދީގައި 200 މީހުން މިހާރު މި ރަށުގައި ރަޖިސްޓްރީވެފައި އޮތް ނަމަވެސް ރަށުގައި ދިރިއުޅެނީ 118 އެއްހައި މީހުންނެވެ.

މ. ރަތްމަންދޫ ރައްޔިތުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް އާމްދަނީ ހޯދައިގެން ފުދުންތެރިވެވޭނެ މަގުތައް އޮތީ އިންތިހާއަށެވެ.

ޖެހިގެން އޮތީ ރިސޯޓެއްގެ ގޮތުގައި އޮތް މަޑިފުށި ޕްރައިވެޓް އައިލެންޑެވެ. މަސްވެރިކަމުގެ ރޮނގުގައި ރަށް އޮތީ ކުރީގައެވެ. ރަށުގައި ހުރި ވަޒީފާތަކުން ތަނަވަސް ފުރުސަތުތައް އެބަހުއްޓެވެ.

ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މަގުގައި މި ރަށް ބާކީނުވުމެވެ.

comment ކޮމެންޓް