ސަލްމާން ޚާންއަށް ސޫރަޖުގެ އިތުރު ފިލްމެއް

ރީތި ހިތްގައިމު ފިލްމުތައް ސިނަމާއަށް ގެނެސްދިން ޑައިރެކްޓަރު ސޫރަޖު ބަރުޖަތުޔާގެ އިތުރު ފިލްމެއް ސަލްމާން ޚާންއަށް ހުށަހަޅައިފިއެވެ.

ޕްރޮޑިއުސަރު/ޑައިރެކްޓަރު ސޫރަޖު ބަރުޖަތުޔާއަކީ މީގެ 24 އަހަރުކުރިން ސަލްމާން ޚާން ބޮލީވުޑަށް ތައާރަފްކޮށްދިން ފަރާތްވެސްމެއެވެ. ސަލްމާން ޚާންގެ ފުރަތަމަ ފިލްމު "މޭނޭ ޕިޔާރު ކިޔާ"އިން ފެށިގެންގޮސް ފިލްމު "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ"އަކީ ސޫރަޖުގެ ފިލްމުތަކެވެ. މި ފިލްމުތަކަކީ ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބު ހޯދި ފިލްމުތަކެވެ.

މީގެ ކުރިން ރިޕޯޓުތަކުން ބުނެފައިވާގޮތުގައި ސޫރަޖުއާއެކު ސަލްމާން ޚާން ކުޅެން ނިންމާފައިވާ ފިލްމުގެ ނަމަކީ، ޕްރޭމްކީ ޝާދީ"އެވެ. އެހެންނަމަވެސް ސަލްމާނުއާ ގާތްގުޅުމެއް އޮންނަ ފަރާތަކުން ވަނީ މި ޚަބަރު ދޮގުކޮށްފައެވެ. ސަލްމާން ޚާންއާއި ސޫރަޖު ބަރުޖަތުޔާއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރަށް ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އެހެންވެ ދެ ފަރާތުން ގެނެސްދޭނެ ފިލްމަކާމެދު އަބަދުވެސް މަޝްވަރާ ކުރެވޭކަމަށާއި ނަމަވެސް ސަލްމާން އިންތިޒާރުކުރަނީ މީގެކުރިން އެކްޓަރު ފެނިފައިނުވާފަދަ ތަފާތު ރޯލެއް ހިމެނޭ ސްކްރިޕްޓަކަށްކަމަށް ސަލްމާންގެ ފަރާތުން ވާހަކަދެއްކި ފަރާތުން ވަނީ ބުނެފައެވެ.

ސަލްމާން ޚާންގެ ފިލްމުތަކުގެތެރެއިން ފަހަކަށް އައިސް ރިލީޒްވެފައިވާ ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ ފިލްމުތަކެވެ. އޭގެތެރޭގައި، ފިލްމު "އަންތިމް"، "ރާދޭ" އަދި އެންމެފަހުން ރިލީޒްވި ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ހިމެނެއެވެ.

ސަލްމާން ޚާން މިވަގުތު ނިންމާފައިވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފިލްމުތަކަށްވުރެ ބޮޑަށް އެހެން ޕްރޮޑިއުސަރުން ހުށަހަޅާ ފިލްމުތަކަށް އިސްކަންދިނުމަށެވެ. އެހެންކަމުން ސޫރަޖުއާއެކު ފިލްމެއްގެ މަސައްކަތްކުރުމަށް ނިންމި ނިންމުމަކީ މީގެ ފެށުމެއްކަމަށް ބެލެވެއެވެ.

ސަލްމާން ޚާންއާ ސޫރަޖު ބަރުޖަތުޔާ އެކީގައި އެންމެފަހުން މަސައްކަތް ކޮށްފައި ވަނީ 2015ވަނަ އަހަރު ރިލީޒްވި ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ"ގައެވެ. ސަލްމާން ޚާން ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ މިއަހަރު ނޮވެމްބަރު 10ގައި ރިލީޒްކުރާ ފިލްމު "ޓައިގާ3"އިންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު