ޝެހެނާޒު އިތުބާރުކުރާ އެއްވެސް ފަރާތެއް ނެތް

އަމިއްލަ ޙަޔާތުގެ ޒާތީ ވާހަކަތައް ހިއްސާކުރެވޭވަރަށް އިތުބާރުކުރާ އެއްވެސް ފަރާތެއް ނެތްކަމަށާއި ދަންނަ ގިނަ ބަޔަކީ އަމިއްލަ އެދުމުން ފުރިފައިވާ ބައެއްކަމަށް ޝެހެނާޒް ގިލް ބުނެފިއެވެ.

ދިރިއުޅުމުގައި ޝެހެނާޒުއަށް ލޯބީގެ އިހުސާސު ތަޖުރިބާކުރީ އެންމެ ފަހަރަކު ކަމަށާއި އެހެންނަމަވެސް އެވާހަކަތައް އެއްވެސް ބަޔަކާ ޙިއްސާކުރަން ބޭނުން ނުވާކަމަށް ބޮލީވުޑަށް ދާދިފަހުން ތަޢާރަފްވި ބަތަލާ ވަނީ ބުނެފައެވެ.

ދާދިފަހުން އިންޑިއާގެ ރެޑް އެފްއެމްއަށް ދިން އިންޓަވިއުއެއްގައި ޝެހެނާޒު ބުނީ، ގާތުގައި ވަރަށް އެކީގައި އުޅޭ މީހުންނަކީވެސް އިތުބާރުކުރެވޭ ބައެއްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ ދިރިއުޅުމުގެ ޖަޒުބާތީ ތަޖުރިބާތައް އެފަދަ ފަރާތްތަކާއެކު ހިއްސާކުރުމަށް ޖެހިލުންވާކަމަށެވެ. ޝެހެނާޒު މި މޭރުމުން ވާހަކަ ދައްކާފައިވަނީ ކީއްވެގެންކަމެއް މި އިންޓަވިއުތެރޭގައި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ކަލަސް ޗެނަލްއިން ގެނެސްދޭ ބިގް ބޮސްއިން ބޮޑު މަގުބޫލުކަމެއް ހޯދި ޝެހެނާޒަކީ، އެއްވެސް އިރެއްގައި އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާތަކާ ހިއްސާކުރަން ބޭނުން ނުވާ ފަރާތެކެވެ. ހާއްސަކޮށް މި ޝޯވްގައި ޝެހެނާޒުއާއެކު ފެނުނު ކުރީގެ ޓެލެވިޒަން އެކްޓަރު ސިދާތު ޝުކްލާގެ މަރަށްފަހު އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެއްވެސް ގޮތަކަށް ޝެހެނާޒު މީޑީއާތަކާ ހިއްސާނުކުރެއެވެ. ޝެހެނާޒްއާއި ސިދާތުއަކީ ލޯބިވެރިންކަމަށް މީޑިއާތަކުން ސިފަކުރި ނަމަވެސް ދެ ފަރާތުންވެސް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ. މިއަދާ ހަމައަށްވެސް ޝެހެނާޒު ބުނަމުން އައީ ސިދާތައަކީ، ދިރިއުޅުމުގެ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ފަރާތެއްކަމަށާއި ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

އެކްޓުކުރުމުގެ އިތުރުން ލަވަވެސް ކިޔާ ޝެހެނާޒް ވަނީ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން"އިން ބޮލީވުޑަށް ނުކުމެފައެވެ. އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ބުނެފައިވަނީ ކުރިމަގުގައި ބޭނުންވަނީ ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށްކަމަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު