ޖޯންއާއެކު ފިލްމު 'ވެދާ'ގައި ތަމަންނާ

ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ ކުރިޔަށްއޮތް އެކްޝަން ފިލްމު "ވެދާ"އަށް ބަތަލާ ތަމަންނާ ބާޓިއާ ސޮއިކޮށްފިއެވެ.

ތަމަންނާ މިފިލްމާ ގުޅުނުކަން ފިލްމުގެ ޑައިރެކްޓަރު ނިކިލް އަދްވާނީ ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދީފައެވެ. ޖޯން އަބްރަހަމްއާއެކު ތަމަންނާ ވަރަށް ހާއްސަ ރޯލަކުން ފެންނާނެ މިފިލްމުގައި ބަތަލާ ޝަރުވަރީ ވާގް އަދި އަބިޝޭކް ބެނަޖީވެސް ހިމެނެއެވެ.

ޒީ ސްޓޫޑިއޯސްއާއި އެމްމޭ އެންޓަޓެއިންމަންޓް އަދި ޖޭއޭ އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދީ ފިލްމު "ވެދާ"އަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ވަރަށް ބޮޑު ބައެއް ދާދިފަހުން އިންޑިއާގެ ރާޖަސްތާނުގައި ޝޫޓްކޮށް ނިންމާފައިވާއިރު ތަމަންނާ ފިލްމުގައި ފެންނާނީ ކޮންކަހަލަ ރޯލަކުންކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ބަތަލާ ކުޅޭ ރޯލަކީ ފިލްމަށް ވަރަށް ހާއްސަ ރޯލެއްކަމަށް ޑައިރެކްޓަރު ނިކިލް އަދުވާނީ ވަނީ ބުނެފައެވެ.

ފިލްމާ ގުޅުނުކަން ކަށަވަރުކޮށްދެމުން ތަމަންނާ ބުނެފައިވަނީ، ޑައިރެކްޓަރު ނިކިލް އަދުވާނީ ފިލްމުގެ ވާހަކަ ސްކްރީނަށް ގެނެސްދޭގޮތް ވަރަށް ޝައުޤުވެރިކަމަށާއި އަބަދުވެސް ނިކިލްއާއެކު މަސައްކަތް ކުރަން ބޭނުންވި ކަމަށެވެ. އަދި މިއީ އެކްޓަރު ޖޯން އަބްރަހަމްއާއެކު ތަމަންނާ މަސައްކަތްކުރާ ފުރަތަމަ ފިލްމުކަމުން މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެކަމަށް ބަތަލާ ބުނެފައިވެއެވެ.

ފިލްމު "ބާހޫބަލީ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާއަކީ، ސައުތު ސިނަމާގެ އެންމެ ކާމިޔާބު އެއް ބަތަލާއެވެ. ތަމަންނާ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ޢަދަދު މަދުވިނަމަވެސް ހިންދީ ސިނަމާގައި ތަމަންނާއަކީ ބޮޑު މަގުބޫލުކަމެއް އޮންނަ ބަތަލާއެކެވެ. މިދިޔަ މަހު ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީ2"އިން ފެނުނު ބަތަލާއަކީ، އަބަދުވެސް ވަރަށް ތަފާތު ރޯލުތައް ކުޅެން ޝައުގު ހުންނަ ބަތަލާއެއްކަމުން ނިކިލްގެ ހުށަހެޅުން ތަމަންނާއަށް ވަރަށް ކަމުދިޔަކަމަށް ތަޖުރިބާކާރު ޑައިރެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ވެދާ"އަށް ތަމަންނާ ސޮއިކޮށްފައިވާއިރު ބަތަލާ ވަނީ އެކްޓަރު ރަޖްނީކާންތުއާއެކު ކުޅޭ ފިލްމު "ޖެއިލާ"އަށްވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު