ކުވޭތުން ޤުރުއާން ތަރުޖަމާގެ އެއް ލައްކަ ކޮޕީ ސްވިޑެންގައި ބަހަނީ

ކުވޭތުން ވަނީ ގުރުއާން ތަރުޖަމާގެ އެއް ލައްކަ ކޮޕީ ސްވިޑެންގައި ބަހަން ނިންމާފަ --- ފޮޓޯ/ ގެޓީ

ސްވީޑެން ބަހަށް ތަރުޖަމާކޮށްފައިވާ ކީރިތި ޤުރުއާންގެ އެއް ލައްކަ ކޮޕީ އެ ގައުމުގައި ބަހަން ކުވޭތުން ނިންމައިފިއެވެ.

ކުވޭތުގެ ޤުރުއާން ޝާއިއުކުރުމުގެ މަސައްކަތަށް ޚާއްޞަ އޮތޯރިޓީ ކަމަށްވާ ޖެނެރަލް އޮތޯރިޓީ ފޯ ދަ ކެއާ އޮފް ޕްރިންޓިން އެންޑް ޕަބްލިޝިން ދަ ހޮލީ ޤުރުއާންއިން ބުނީ، ޤުރުއާނު ތަރުޖަމާގެ އެއް ލައްކަ ކޮޕީ ޝާއިއު ކުރަން ނިންމީ އެގައުމުގެ ބޮޑުވަޒީރު ޝެއިޚް އަޙުމަދު ނަވާފު އަލް އަޙުމަދު އަލް ސަބާހުގެ އެންގެވުމަށް ކަމަށެވެ.

އެ ކޮޕީތައް ސްވިޑެންގައި ބަހަން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ އޮތޯރިޓީގެ ޗެއާމަން ޑރ. ފަހަދު އަލް ދައިހާނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ހަރަކާތުގެ މަގުސަދަކީ އިސްލާމް ދީނަކީ މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދޭ ދީނެއްކަން އަންގައިދީ، ދީނުގެ އުސޫލުތަކާއި ގަބޫލުކުރުންތައް ކިޔައިދީ، އެންމެން ވެސް ސުލްހަވެރިކަމާއެކު އުޅުމަށް ހިތްވަރު ދިނުން ކަމަށެވެ.

ކުވޭތުން އެފަދައިން ނިންމާފައި ވަނީ، ސްވިޑެންގައި މުސްހަފެއް އެންދި މައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހުގެ 28ގައި އީދު ދުވަހާ ދިމާކޮށް، ސްވިޑެންގައި ޤުރުއާނުގެ ކޮޕީއެއް އެންދީ އެ ގައުމަށް ހިޖުރަކޮށްފައިވާ 37 އަހަރުގެ ސަލްވާން މޮމިކާ ކިޔާ މީހެކެވެ.

މީގެ ކުރިން ވެސް ސްވިޑެންގައި ރާވައިގެން ގުރުއާނުގެ ކޮޕީތައް އަންދާ މައްސަލައިގައި މީހުން ރުޅިގަދަވެ، މުޒާހަރާކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް އެކަމާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާކޮށްފައިވެއެވެ.

މީގެ އިތުރުން ސައުދީ އަރަބިއާ އާއި އިރާގާއި އިރާނާއި މުސްލިމް އެހެން ގައުމުތަކުގައި ވެސް އަޑު އެ އަމަލާ ދެކޮޅަށް އުފުލާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް