އަލީޓާގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި

އެންމެ މަގުބޫލު އެއް ޑައިރެކްޓަރު ކަމަށްވާ ޖޭމްސް ކެމެރަން ޕްރޮޑިއުސް ކުރި މަޝްހޫރު ސައިފައި ފިލްމު "އަލީޓާ: ބެޓަލް އެންޖަލް"ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފިއެވެ.

ޖަޕާންގެ މަންގާ އާޓިސްޓް ޔުކީޓޯ ކިޝިރޯގެ "ބެޓްލް އެންޖެލް އެލީޓާ" އަށް ބިނާކޮށް ހަދާފައިވާ "އެލީޓާ" އަށް ބޮކްސް އޮފީހުގައި އެންމެ އެކަށީގެންވާ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ރިލީޒްކުރި މި ފިލްމު ވެފައިވަނީ ފޭނުންގެ ތެރޭގައި ބޮޑު ކްލެސިކަކަށެވެ. ނަތީޖާއެއްގެ ގޮތުން ފިލްމުގެ ދެވަނަ ބައެއް ނެރުމަށް ބޮޑު ކެމްޕެއިނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކެމެރަން ލިޔެ ޕްރޮޑިއުސް ކުރި މި ފިލްމަކީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެކެވެ. އެތައް އަހަރެއްގެ މަަސައްކަތަށް ފަހު ފިލްމު ރިލީޒްކުރުމުން ދެން ވެގެން ދާނެ ގޮތް ބެލުމަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެކަމުގެ ޖަވާބެއް މިހާރު މިއޮތީ ލިބިފައެވެ.

https://www.youtube.com/watch?v=w7pYhpJaJW8

ފޯބްސް އަށް ދިން އިންޓަވިއުއެއްގައި ކެމެރަން ވަނީ އަލީޓާގެ ދެވަނަ ބައެއްގެ މަސައްކަތް ކުރާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި ތިންވަނަ ބައެއްގެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާ އިޝާރާތް ކޮށްފައިވެއެވެ.

ފިލްމުގައި ލީޑް ރޯލުން ފެންނަ ރޯޒާ ސަލަޒާރު މިއަހަރުގެ ކުރީކޮޅުގައި ބުނެފައިވަނީ އަލީޓާގެ ދެވަނަ އާއި ތިންވަނަ ބައެއްގެ މައިގަނޑު ޕްލޮޓު ވަނީ ކެމެރަން އޭނާ އާ ހިއްސާކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ އިތުރު މަސައްކަތެއް ކުރަމުން އަންނަ ކަމެއް އޭނާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އޭގެ މަސައްކަތް ގޮސްފައި ވަނީ ކިހާ ހިސާބަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި ނޭނގެއެވެ. ނަމަވެސް ދެވަނަ ފިލްމެއް ފެންނާނެ ކަން ޔަގީން ވެފައިވާތީ އެކަމާ ފޭނުން ވަރަށް ހިތްހަމަ ޖެހޭނެކަން ޔަގީން ކުރާ ކަމަށް ކެމެރަން އިޝާރާތް ކުރެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު