މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޖަމާލް އެމްޑީއޭއަށް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އިލްޔާސް ޖަމާލް، އެމްޑީއޭއަށް ސޮއި ކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އެމްޑީއޭ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޙް އިލްޔާސް ޖަމާލް، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއި ކުރައްވައިފިއެވެ.

އިލްޔާސް ޖަމާލް "ސަން"އަށް ވިދާޅުވީ އެމްޑީއޭއަށް ސޮއިކުރަން ނިންމީ، ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ދެއްވި ދަޢުވަތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީއޭއާ ގުޅެން ނިންމީ، ވަރަށް ގިނަ ހެޔޮ އެދޭ އަޚުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ޝެއިޙް އިލްޔާސް ޖަމާލް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާ އެކު: އިލްޔާސް ޖަމާލް ވަނީ މިއަދު އެމްޑީއޭއަށް ސޮއި ކުރައްވާފައި -- ފޮޓޯ/ އެމްޑީއޭ

"އެމްޑީއޭގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އެމްޑީއޭގެ ރައީސް ދަޢުވަތު ދެއްވުމުން، އެކަމާ މެދު ވަރަށް ގިނަ ހެޔޮ އެދޭ އަޚުންނާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް،" އޭނާ ވިދާޅުވިއެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިހް އިލްޔާސް ޖަމާލް އެމްޑީއޭއަށް ސޮއި ކުރައްވާފައިވާއިރު، އެ ޕާޓީގެ އޭނާގެ މައިގަނޑު މަސްއޫލިއްތަކަށް ވެގެންދާނީ، ދީނީ ކަންކަން ކުރިއެރުވުމެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް: އޭނާ މިއަދު ވަނީ އެމްޑީއޭއަށް ސޮއި ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އޭނާ މީގެ ކުރިން ވަނީ، މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކެޓަރީ ކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަން ވެސް ކުރައްވައިފައެވެ.

މީގެ ކުރިން އޭނާ ހުންނެވީ، އަދާލަތު ޕާޓީގައެވެ.

comment ކޮމެންޓް