ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާ ދަތުރަށް ތައްޔާރުވަނީ

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު ކްރޫޒް ލައިނާ ބޯޓުގެ މަސައްކަތް ނިންމާލައި ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

"އައިކަން އޮފް ދަ ސީސް"ގެ ނަން ދީފައިވާ މި ކްރޫޒް ލައިނާ ބަނދެ އެއަށްފަހު ކަނޑުގައި ފުރަތަމަ ފަހަރަށް ވަނީ ޓެސްޓު ދަތުރުތަކެއް ކޮށްފައެވެ. އަދި މި ދަތުރުތައް ފުރިހަމަ ކަމަށް ބޯޓު އުފެއްދި ކުންފުނިން ވަނީ ބުނެފައެވެ.

މި ބޯޓަކީ ކްރޫޒްލައިނާގެ ދަތުރުތައް ކުރާ ކުންފުންޏެއް ކަމަށްވާ "ރޯޔަލް ކެރީބިއަން އިންޓަނޭޝަނަލް" އަށް ތައްޔާރުކޮށްދީފައިވާ ބޯޓެކެވެ. ކްރޫޒް ލައިނާގެ މަސައްކަތްތައް ނިމިފައިވާއިރު އެ ކުންފުންޏާ ބޯޓު ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އައިކަންގެ ދިގުމިނުގައި 365 މީޓަރު (1،200 ފޫޓު) އަދި 250،000 ޓަނު ބަރުދަނުގައި ހުންނާނެއެވެ. މިއީ ޓައިޓޭނިކްގެ ބޮޑު މިނަށް ބަލާ ނަމަ ޓައިޓޭނިކްގެ ފަސް ގުނަ ބޮޑު ބޯޓެކެވެ.

https://www.youtube.com/watch?v=YuQpoGs8rYc

މި ބޯޓުގައި އެއް ވަގުތެެއްގައި 5،610 ފަސިންޖަރުންނާއި 2،350 ކްރޫއިންނަށް ތިބެވޭނެއެވެ. އަދި މި ބޯޓުގެ އެންމެ ހާއްސަ އެއް ސިފަ އަކީ މީގައި ހިމެނޭ ވޯޓަޕާކެވެ. މިއީ ކަނޑުމަތީގައި ދަތުރު ކުރާ އެއްޗެއްގައި ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ވޯޓަޕާކު ހުންނާނެ ބޯޓެވެ.

ފިންލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޓުރުކޫ އިން މި ބޯޓުގެ މަސައްކަތް ކުރާއިރު މި ބޯޓުގައި ޖުމްލަ 20 ޑެކް ހުންނާނެއެވެ. މި 20 ޑެކުގެ ތެރޭގައި އެކި ބައި ބައިގައި ޖުމްލަ ހަތް ސްވިމިން ޕޫލް ހުރި އިރު 40 އަށް ވުރެ ގިނަ ރެސްޓޯރެންޓް އަދި ބާ ވެސް ހުންނާނެއެވެ.

ޓުރުކޫ އިން ބުނާގޮތުގައި އަންނަ އަހަރުގެ ކުރީކޮޅުގައި ބޯޓުގެ ދަތުރުތައް ފަށާނެއެވެ. އަދި ރޯޔަލް ކެރީބިއަން އާ ބޯޓު ހަވާލު ކުރުމުން ބޯޓުގެ ދަތުރުތަކަށް ޓިކެޓް ހޯދުމަށް ވެސް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު