އިހަވަންދޫގައި ގެސްޓްހައުސް އަޅައި ޒުވާނުންނާ ތަޅުދަނޑި ހަވާލުކުރާނަން: ނާޒިމް

ހއ. އިހަވަންދޫގައި ބޭއްވި އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް --- ފޮޓޯ / އެމްއެންޕީ

ހއ. އިހަވަންދޫގައި ގެސްޓުހައުސްތައް އަޅައި ޒުވާނުންނާ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އިހަވަންދޫގައި ބޭއްވި އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ފައިސާ ނުވަދެ ފައިދާއެއް ނެތް ކަމަށެވެ.

"މިތަނުގަ މި ދޯނިފަހަރު ބަންނަން ހުރި ތަންތަނަކީ ގެސްޓް ހައުސް ވިޔަފާރިއަށް ހަމަ ފައްކާވެފަ ހުރި ތަންތަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ސިޓީ ކައުންސިލާ ވާހަކަދައްކައިގެން އެކަމުގެ ލަފާ ދޭނަން އެތަންތަން ގެސްޓު ހައުސްއަށް ބަދަލު ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސިނާއީ މަސައްކަތް ކުރުމަށް އެ ރަށުގައި ބިން ނެތް ކަމަށެވެ. އެހެންކަމުން، އިހަވަންދޫ ކައިރި އޮންނަ ދިގުފަރު ހިއްކާ، ބޯޓުފަހަރު ބަނުމުގެ މަސައްކަތާއި ކުނިގޮނޑު އެތަނަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ މަސައްކަތްތައް ދިގުފަރަށް ބަދަލުކުރުމުން އިހަވަންދޫއިން ހުސްވާ ބިން ގެސްޓްހައުސް އަޅަން ބޭނުންކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސަތުގައި އޮންނާނެ ގެސްޓް ހައުސް ތައާރަފް ކުރާ ވާހަކަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ބިމެއް އޮތުމަކުން އަދި ގެސްޓް ހައުސެއް ނޭޅޭނެ. ލޯނު ދިނުމަކުންވެސް ގެސްޓް ހައުސެއް ނޭޅޭނެ. އޭގެ ސަބަބުން މީހުން ވާނީ ދަރަނިވެރި. އަޅުގަނޑުގެ ސިޔާސަތުގެ ދަށުން މިރަށުގައިވެސް ގެސްޓް ހައުސްތައް އަޅާ އެ ޒުވާނުންނަށް ތަޅުދަނޑި ހަވާލުކުރާނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިހަވަންދޫއަކީ މަސްވެރި ރަށެއް ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެކަމުން ރަށުގެ މަސްވެރިންނަށް މަންފާ ނުވާ ކަމަށެވެ. އަދި މަސްވެރިންނާ މެދު އެހެން ސަރުކާރުތަކުން ވަނީ އިހުމާލު ވެފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ގާޑިޔަލަކަށް ލައިގެން އަޅުގަނޑުމެން މިއަދު އައިސް އުފުލުމަކީ ތި ބޭފުޅުންނަސް ހައްގު މިންވަރުތޯ ބައްލަވާލައްވާ. މިއަދު މި ފެންނަނީ ގާޑިޔަލުގަ އައިސް އުފުލާ ތަން. މިއީ ތޯ 21ވަނަ ގަރުނުގަ ކަންކަން ކުރަންވީ ގޮތަކީ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ވެރިކަމެއްގައި އިހަވަންދޫގައި ޒަމާނީ ފެންވަރުގެ އައިސް ޕްލާންޓެއް ތަރައްގީ ކޮށްދެއްވާނެކަމަގެ ޔަގީންކަން ނާޒިމް ވަނީ އެ ރަށުގެ މަސްވެރިންނަށް ދެއްވާފައެވެ. އަދި އެ ރަށުން ތެޔޮ ލިބޭނެ ފަސޭހަ ގޮތެއް ގާއިމްކޮށް ކޯލްޑް ސްޓޯރޭޖެއް އަޅައިދިނުމަށް ވެސް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

އަދި އެ ރަށުގެ މަގުތައް ހެދުމުގެ މަަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައި އޮތް ނަމަވެސް އެ މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި ނާޒިމްގެ ސަރުކާރެއްގައި އިހަވަންދޫގެ މަގުތަކުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް