ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ކުރި ޓްވީޓެއްގައިވާ ގޮތުން، އަދީބު ބޭރަށް ވަޑައިގަތުމަށް އެ ސާވިސްގެ މެޑިކަލް ބޯޑުން ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ފުރުސަތު ދިނުމަށެވެ.
"އަދި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި މިސާވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓާ ކުރަމުން ގެންދާނެ ކަމުގައި ދަންނަވަން،" ކަރެކްޝަނަލް ސާވިސްގެ ޓްވީޓުގައިވެއެވެ.
އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ވަނީ އެމަނިކުފާނު ގެންދަވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔަަކަށް ފަރުވާ ހޯއްދަވަމުން ކަމަށް މީގެ ކުރިން ބުނެފައެވެ.
މި ކަމާ ގުޅިގެން އެމްޓީޑީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަދީބަށް ފަރުވާ ދެމުން އަންނަނީ ނާރުގެ ބައްޔަކަށް ކަމަށެވެ. މި ބަލީގެ އަސަރުތައް އަދީބުގެ ހަށިގަނޑުން ފެނުނު ކަމަށް ބެލެވިފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އަދީބު ބަންދުގައި ބެހެެއްޓި މުއްދަތުގެ ތެރޭގައި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ވަނީ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހެއްގައެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ އަދީބު އަތުން އެ ފައިސާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އަދީބާއި ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމަނިކުފާނަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް އިއްވި އިރު ވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ. އޭއީ، އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަނުން އޭރު ވަނީ ބުނެފައެވެ.