ޖައިޝަންކަރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފުޅުގެ ތެރެއިން ރަސްމީ ބައްދަލުވުންތައް ކުރިއަށް ދާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަން ހަަމަޖެހިފައިވާ ކަމަށާއި، އަދި އިންޑިއާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި 43 ވަނަ ސަޕްރޫ ހައުސް ލެކްޗަރުގައި ތަގުރީރު ކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނިއުދިއްލީގައި ތިއްބަވާ ރާއްޖެއަށް އެކްރެޑިޓް ކޮށްފައިވާ ގިނަ އަދަދެއްގެ ނޮން ރެސިޑެންޓް އެމްބެސެޑަރުންނާއި ހައި ކޮމިޝަނަރުންނާ، ޝާހިދު ބައްދަލު ކުރައްވާނެއެވެ.

އަދި، އިޖުތިމާއި، އިގްތިސާދީ އެއްބާރުލުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް އެކުލަވާލުމަށް ވެސް ނިންމާފައިވެއެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް