އެންމެ ރައްކާތެރި ގައުމަކީ އައިސްލެންޑް، ލިސްޓުގައި ރާއްޖެއެއް ނެތް

ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި މި އަހަރުވެސް ނޯޑިކް އައިލެންޑް ނޭޝަންއެއް ކަމަށްވާ އައިސްލެންޑް ހިމެނިއްޖެއެވެ.

އިންސްޓިޓިއުޓް އޮފް އިކޮނޮމިކްސް އެންޑް ޕީސް އިން އަންނަނީ ކޮންމެ އަހަރެއްގައި "ގްލޯބަލް ޕީސް އިންޑެކްސް"އެއް ތައްޔާރު ކުރަމުންނެވެ. މިއީ ދިރިއުޅުމަށާއި ޒިޔާރާތް ކުރުމަށް އެންމެ ރައްކާތެރި ގައުމުތައް ފާހަގަކޮށް ތައްޔާރުކުރާ ލިސްޓެއްގެ އިންޑެކްސް އެކެވެ.

މި އިންޑެކްސް ތައްޔާރު ކުރުމުގައި ގައުމެއްގެ ތެރޭގައި ހަމަނުޖެހުން އޮތް ވަރާއި އެހެން ގައުމުތަކާމެދު ހަމަނުޖެހުން އޮންނަ މިންވަރު ބަލާނެއެވެ. އޭގެއިތުރުން މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުން އަދި މިލިޓަރައިޒޭޝަނަށް ބަލާނެއެވެ.

މި ކަންކަމަށް ބަލައި އިންސްޓިޓިއުޓުން ބުނެފައިވަނީ ކޮވިޑް-19 އަށް ފަހު މުޅި ދުނިޔޭގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކޮންމެވެސް ވަރަކަށް ދަށް ވެފައި ވާ ކަމަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ރައްކާތެރި ގައުމުކަށް ވެފައިވަނީ އައިސްލެންޑެވެ. ލިސްޓުގެ ގަދަ 10 ގައި ހިމެނެނީ ހުސް ޔޫރަޕުގެ ގައުމުތަކެވެ. ލިސްޓުގެ ދެވަނައިގައި މިއަހަރު ޑެންމާކް އޮތް އިރު އެ ގައުމު މިދިޔަ އަހަރު އޮތީ ތިންވަނަގައެވެ. މިދިޔަ އަހަރު ދެވަނައިގައި އޮތް އައިރެލެންޑް މިއަހަރު އޮތީ ލިސްޓުގެ ތިންވަނައިގައެވެ.

މި އިންޑެކްސްގައި ރާއްޖެ އެއް ހިމެނިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އަވަށްޓެރި ގައުމުތައް ލިސްޓުގައި ހިމެނެއެވެ. އޭގެތެރެއިން އިންޑިއާ އޮތީ ލިސްޓުގެ 126 ގައެވެ. އަދި ސްރީލަންކާ އޮތީ ލިސްޓުގެ 107 ވަނައިގައެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި ލިސްޓުގެ 163 ގައި އޮތީ އަފްޣާނިސްތާނެވެ. އޭގެ ކުރިއަށް 162ގައި ޔަމަން އޮތް އިރު 161 ގައި އޮތީ ސީރިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު