މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ އެންމެ ފަހުގެ ޓުއާ ނިންމާލުމަށްފަހު ޓުއާ ކުރުމާއި ކޮންސާޓް ދިނުމަށް އަލްވަދާއު ކިޔައިފިއެވެ.
"ސެކްރިފައިސް" ފަދަ ބޮޑެތި ހިޓުތައް އުފައްދާފައިވާ އުމުރުން 76 އަހަރުގެ ލަވަކިޔުންތެރިޔާގެ ފަހު ޓުއާ އިއުލާނު ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މުއްދަތަށް ދެމިގެން ދާނެ ކަމަށް ބުނި ޓުއާ ނިންމާލެވުނީ ބުނި މުއްދަތަށް ވުރެ ދެ އަހަރު ފަހުންނެވެ.
"ފެއާވެލް ޔެލޯ ބްރިކް ޓުއާ" 2021 ވަނަ އަހަރު ނިންމާލަން ވިސްނި ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ގިނަ ޝޯތަކެއް ވަނީ މަޑު ޖައްސާލަން ޖެހިފައެވެ. އެއާއެކު އެ ޓުއާތަށް ފަހަތަށް ޖައްސާލުމުން އޭނާގެ ޝޯތައް ނިންމާލެވުނީ އަދި ކިރިޔާއެވެ.
އެލްޓަން ވަނީ މިދިޔަ ހަފުތާ ބަންދުގައި އޭނާގެ އެންމެ ފަހުގެ ޝޯ ދީ ޓުއާއަށް އަލްވަދާއު ކިޔައި އެކަން ފާހަގަކޮށްފައެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ޓުއާ ނިންމާލާފައިވަނީ އޭނާ އުފަން އިނގިރޭސިވިލާތުގައެވެ. އޭނާގެ ޓުއާގައި 300 އަށް ވުރެ ގިނަ ޝޯތައް ދީފައިވާއިރު މި މުއްދަތުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ފޭނުންނާ ވަނީ ދިމާވެފައެވެ.
އެލްޓަންގެ ޓުއާ ދިނުން ނިންމާލާފައިވަނީ ގާތްގަނޑަކަށް 50 އަހަރުގެ ޓުއާ ކުރުމަށްފަހުގައެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ކުދިބޮޑެތި އެކި ގައުމުތަކުގައި އެނާ ޕަފޯމް ކޮށްފައިވެއެވެ.
އެލްޓަން ބުނިގޮތުގައި ޓުއާ ކުރުމާއި ކޮންސާޓް ދިނުން ހުއްޓާލި ނަމަވެސް އޭނާ ކުރިއަށް އޮތް ތަނުގައިވެސް އާ މިއުޒިކް އުފައްދާނެއެވެ. އަދި މިހާރުވެސް މިއުޒިކްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.