އެމީހުން ޒިންމާ އަދާކުރި، ރައްޔިތުން އަޑެއްނޭހި

ދުނިޔޭގެ ނިސްބަތުން ރާއްޖެ ފާހަގަކޮށްލެވޭ ކަންކަމުގެތެރޭގައި، ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވުމާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަން ހިމެނޭ -- ފޮޓޯ / މޯލްޑިވްސް.އޯގް.އެމްވައި

ސާދަސަތޭކަސައުރަޔާޅީސްވަނަ އަހަރުގެ އަޟުޙާ ޢީދު އަހަރެމެންނާ ވަކިވެ ދިޔަތާ އަދި މާކަ ގިނަދުވަހެއް ނުވެއެވެ. މި ޢީދު ކައިރިވަމުން އައި އިރު، ޢީދު ފާހަގަކުރުމުގައި މުސްލިމުން ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބުނެދީ، ހޭލުންތެރިކުރުމުގެ މަސައްކަތްތައް ތަފާތު ދިމަދިމާލުން ފެންނަމުން ދިޔައެވެ. ހުކުރު ޚުޠުބާއިން ފެށިގެން، ޢިލްމުގެ އަހުލުވެރިންގެ ތަޤުރީރުތަކާއި ލިޔުންތައް އަދި އެބޭފުޅުންގެ ފަރާތުން ނަޤުލުކުރެވޭ އިރުޝާދުތައް ހިމެނޭ ޕޯސްޓުތައް މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ފަތުއަޑުކިޔާފައި ދައުރުވަމުން ދިޔައެވެ. ފައި އިނދޭ އުމުރުގެ ކުއްޖާއިން ފެށިގެން، ހަތްދިހައިން މަތިވެފައިވާ މާމަކާފަމެންވެސް ސުމާޓު ފޯނު ގެންގުޅޭ މިޒަމާނުގައި، ލައްކަ ގިނަ މީހުންނަށް އެ ނަޞޭޙަތްތަކާއި އިރުޝާދުތައް އިވި ފެނިފައިވާނެކަމަށް ޤަބޫލުކުރެވެއެވެ. ވުމާއެކު، ޢީދުގެ އިޙްތިފާލުތައް ބޭއްވިއިރު މީހުންގެ ޢަމަލުތަކަށް އައީ ކޮންބަދަލެއްތޯ ވަޒަންކޮށްލަމާ ހިނގާށެވެ.

ޢީދުގެ ކުރިން ފެންނަމުން ދިޔަ ހެޔޮ ނަޞޭޙަތާއި އިރުޝާދުތައް ގިނަކަމާއި އެތަކެތި ފަތުރަމުންދިޔަ މީހުންގެ ޖަމާޢަތްވެސް ބޮޑުކަމުން، ނަތީޖާވެސް ވަރަށް ހެޔޮކޮށް ފެންނާނެކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް މަންޒަރުތައް ފެނުނީ ދިމާ އިދިކޮޅަށްކަމަށް ބުނަންޖެހެނީ ހިތާމަޔާއެކުގައެވެ. ޢީދު ޝަރަޢަ ކުރެއްވި ފަރާތް - ﷲ ސުބުޙާނަހޫ ވަތަޢާލާ - ޢީދުގައި ލައްވަވާފައިވާ މަތިވެރި ޙިކުމަތްތަކާ އެއްގޮތަށް ޢަމަލުކުރި މަދު ބަޔަކު ތިއްބަސް، ގިނަ ބަޔަކު ދިޔެއީ އެއާ ދުރަށެވެ. ގިނަބައެއްކަމަށް ކަނޑައަޅާ ހެއްކަކީ ރާއްޖޭގެ ކަންކޮޅުތަކުން ފެންނަމުން ދިޔަ މަންޒަރުތަކެވެ.

ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ބީހުން ހުއްދަނޫންކަން އެނގޭއިރުވެސް، ޢީދުވީމައި އެކަންވެސް ކުރީއެވެ. އަންހެނުން އިސްޓޭޖުތަކަށް އަރުވައިގެން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ވަނިވަނިލައްވައި ނެއްޓުވީއެވެ. އެމީހުންގެ ޒީނަތާއި ބަނިޔާދަންކަން ފެންނަންނުޖެހޭ ބަޔަކަށް ދައްކުވައިހެދީއެވެ. އަދި އާކަމެއްގެ ގޮތުގައި، އިސްލާމީ ހެދުމުގެ ބައެއްކަމަށްވާ ބުރުގަލުގެ ރަމްޒީ ފޮތިކޮޅެއް ބޮލުގައި އަޅައި، ސީދާ ބަރަހަނާކޮށޭ ބުނެވޭގޮތަށް ހެދުން އަޅައިގެން ތިބެ ޝައިޠާނީ ވައްތަރުތައްވެސް ޖެއްސީއެވެ. އިސްލާމްދީނުގައި ޙަރާމްނަމަވެސް، އެބުނާ "ޑިމޮކްރަސީގެ ރީތި އުސޫލުތައް" ހުއްދަކުރާކަމަށް ބުނެ، މީހުންނަށް އާޑަފުރައްސާރަކުރުމާއި ބަދުބަސް ރައްދުކުރުމުގެ ހަރަކާތްތައްވެސް ބޭއްވީއެވެ. ސިޔާސީ ޙަސަދަ ފިލުވައިލައި ދެކޮޅުވެރިކަން ހާމަކޮށްލަން ލިބުނު ރަނުގެ ފުރަސަތަކަށް ޢީދު ހެދީއެވެ.

ޢީދަށް ތައްޔާރުވުމަށްޓަކައި އެއްރަށް އަނެއްރަށަށްވުރެ ކުރިއަރާ ދިއުމަށް ވާދަކުރުމުގެ ސަގާފަތެއްވެސް މިފަހުންވަނީ އާއްމުވާންފަށާފައެވެ. ވަރުގަދަ އަދި "ތަފާތު ޝޯތައް" ބާއްވައި ރެކޯޑު ހެދުމަށްޓަކައި ބޮޑެތި ޚަރަދުތައްކުރާއިރު، ހުއްދަނޫން ކަންކަމަށް ހޭދަކުރުމަކީ އިސްލާމްދީނުގައި މަނާކަމެއްކަން ހަނދާނެއް ނުހުރެއެވެ. ކުރިން ވަރަށް އެކުވެރިކަމާއެކު އެއްބައެއްގެގޮތުގައި ޢީދު ފާހަގަކުރަމުން ދިޔަ ރަށްރަށުގެ މީހުން، އަވަށް ބައިކޮށް ވަކިވެގަނެގެން ކުޅިވަރުކުޅެން ފެށީ "ޕާޓީ ނިޒާމު" ގެ ތެރެއިން އުފަންކުރި ހަތުރުވެރިކަން ސަބަބެއްކަމުގައި ހަދައިގެންނެވެ. މިވަރުގެ ދުޝްމަނުކަމެއް އުފެއްދިއިރު، ﷲ ގެ ވަޙީބަސްފުޅު އޮތީ މިފަދައިންނެވެ. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا (އާލުޢިމްރާނު: 103) "ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރީންކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއްކަމުގައި ވެއްޖައީމުއެވެ. ..."

ކުޅިވަރުގެތެރޭގައި ހުއްދަނޫން ކަންކަން ހިމެނުމާއި، ވާޖިބުތައް ދޫކޮށްލާފައި ކުޅިވަރުގެ ކަންކަމުގައި ވަގުތު ހޭދަކުރުމާއި، ބައިބައިވެ ވަކިވެގަތުމަކީ ޢީދުގެ ޙިކުމަތްތަކާ މުޅީން ޚިލާފު ކަންކަމެވެ. ތަޢުލީމު ކުރިއަރައި ހޭލުންތެރިކަން އިތުރުވިޔަސް މިފަދަ މުންކަރާތްތައް އިތުރުވެ ތަރައްޤީވަމުންދަނީ ސަބަބެއްނެތިއެއްނޫނެވެ. އެހުރިހައި މުންކަރާތްތަކުގެ މުގުލުގައި މައިންނާއި ބަފައިން ތިބޭއިރު، ކުޅިބަލަން ތިބެނީ އެމީހުންގެ ޅަ ދަރީންނެވެ. މަދަރުސާ ކުދީންނެވެ. ބުނެވިދިޔަފަދަ ކަންކަން އެއީ އިސްލާމްދީނުގައި މަނާ ކަންތައްތައްކަމަށް މަދަރުސާގައި ކިޔެވިޔަސް، ބޮޑު ޢީދުގައި އެކުދީންނަށް ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. މަންމައާއި ބައްޕަ އަދި ބޭބެމެންނާއި ދައްތަމެން އެންމެންވެގެން - އެކަންކަމުގެތެރޭގައި ޙަރަކާތްތެރިވަނީއެވެ. މަނާކަމެއް ކުރާހެން ހީވެސްނުވާހައި ޝައުޤުވެރިކަމާއި ހިނިތުންވުމާއެކުގައެވެ. އާޚިރު ނަތީޖާއަކީ، އެކުދީން ނިސްބަތްވާ މުޖުތަމަޢުގެ އެންމެންހެން އެފަދަ ކަންކަމުގައި އުޅޭތަން އަބަދުމެ ފެންނާތީ، އެއީ މައްސަލައެއްނޫންކަމަށް ޤަބޫލުކޮށް އެކުދީންވެސް އެގޮތަށް ޢަމަލުކުރުމެވެ.

މައިންބަފައިންނާއި ބެލެނިވެރީން ގޯސް ނަމޫނާ ދެއްކުމާއެކު، އަޚުލާޤީ ބަލިމަޑުކަމުގެ ތެރެއަށް މުޖުތަމަޢު ވެއްޓިގެންދާތީ އެކަމާ ކަންބޮޑުވާކަމަށްވެގެން އުޅޭތަންވެސް ފެނެއެވެ. އެގޮތުން، މަދަރުސާތަކުން ކިޔަވައިދެނީ ކޮންއެއްޗެއްތޯ ސުވާލުކޮށް، ފޮތްތަކާއި މުދައްރިސުންނާއި މަދަރުސާގެ ވެރީންނަށް އެއްޗެތި ކިޔާ ހަދައެވެ. މިއިރު ތިމާމެންގެ ޒިންމާ އޮތީ ކިހިނެއް ކޮންތަނެއްގައިތޯ ވިސްނައެއްނުލައެވެ. ގޯސްކަމެއް ހިލިގަންނަ ވަގުތުގައި، އެވެނި މިވެނި ޝައިޚަކު ކޮބައިތޯ ސުވާލުކޮށް ޢިލްމުވެރިންނަށް ބަދުބަސް ބުނަނީވެސް މިފަދަ މީހުންނެވެ.

ފާއިތުވެ ދިޔަ ޢީދާމެދު ޢަދުލުވެރި ބުނުމަކުން ބުނާނަމަ ... ވަރަށް ގިނަ ޢިލްމުވެރިން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވިއެވެ. ނަމަވެސް ގިނަ ރައްޔިތުން އަޑުއެހިތަނެއް ނުފެނުނެވެ. މިއީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ޒަމާނީ ވަސީލަތްތަކާއެކު، ތަޢުލީމު ފެތުރުމާއި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފަހިވެ ފުޅާވެފައިވިޔަސް، ޢީދުފަދަ މުނާސަބަތުތަކާ ގުޅުވައިގެން ހިންގާ ނޭދެވޭ ޢަމަލުތައް ފަހަރެއްފަހަރަކަށް އިތުރުވެ ގޯސްވަމުންދިއުމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އޭގެ ސަބަބުތައް ހޯދައި އަވަސްފިޔަވަޅު އަޅަންޖެހޭ މައްސަލައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް