މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޑިސެމްބަރު 22، 2022: މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހަމަވާތީއެވެ.

އެމްއެމްސީގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ. އަދި، އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

އެ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި، އަބުރުވެރި އަހްލާގު ރަނގަޅު މީހަކަށް ވުމުގެ އިތުރުން ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވުން ހިމެނެއެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައި ވުމާއި، އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަންް (ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވާ) ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާތަކުން އިންތިޚާބު ކުރާ ހަތް މެންބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެންބަރުންނެވެ.

comment ކޮމެންޓް