އީދު ޗުއްޓީއަށް ފަހު ފުރަތަމަ ހަފުތާ ބަންދު، ކޮން ކަމެއް އޮތީ؟

ފީއަލީ އީދު އުފާގެ ތެރެއިން، ދަފި ނެގުން: މި ހަރަކާތުގައި އަންހެނުން އަދި ފިރިހެނުންގެ ދަފި ނެގުން ކުރިއަށް ގެންދިޔަ --- ސަން ފޮޓޯ

މި ހަފުތާ މި ނިމިގެން ދިޔައީ ބޮޑު އީދާ ގުޅިގެން ވަރުގަދަ ޗުއްޓީއަކަށް ފަހު މީހުންތައް އެކި ހިސާބުގައި އުޅުމަށްފަހުގައެވެ. އީދު ޗުއްޓީގެ މަޖާގަނޑަށް ފަހު ހުރިހާ އެންމެން ވެސް މަސައްކަތަށް އަލަށް ނިކުމެ އެންމެ ފަހުން މިއޮތީ ފުރަތަމަ ހަފުތާ ބަންދު ލިބިފައެވެ. ހަފުތާގެ ފޫހިކަން ފިލުވާލަން ވަގުތެއް މިއޮތީ ލިބިފައެވެ.

އީދު ޗުއްޓީ އާ ގުޅިގެން މިދިޔަ ހަފުތާ އެއްކޮށް ގިނަ ބަޔަކަށް ޗުއްޓީގެ ގޮތުގައި ލިބުނެވެ. އެތައް ބަޔަކު އީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް އެކި ރަށްތަކަށް ދިޔައެވެ. އަނެއް ބަޔަކު ރާއްޖެއިން ބޭރަށެވެ. އެއާއެކު ޗުއްޓީ ނިމުމާއެކު މަސައްކަތަށް ނިކުންނަން ވީއިރު ގިނަ ބަޔަކު މަސައްކަތަށް އަދި ތައްޔާރު ނުވެއެވެ.

މަޖާ ހަފުތާއަކަށް ފަހު މަސައްކަތަށް ނިކުންނަން ޖެހުމުން އެތައް ބަޔަކު ތިބީ އިންތިހާއަށް ފޫހިވެފައެވެ. ދަތުރުގެ ވަރުބަލިކަމުން ގިނަ ބަޔަކު އަދި ރިފްރެޝް ކޮށްވެސް ނުލެވެއެވެ. އެހެންވީމާ މި ހަފުތާ ބަންދަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި މުހިއްމު ބަންދެކެވެ.

"އީދަށް ރަށަށް ދިޔަ ގޮތަށް ގޮސް މާލެ އައީ ހޮނިހިރު ދުވަހުގެ ރޭގައި. ދެން ހަމަ ވަގުތުން މި ޖެހުނީ މަސައްކަތަށް ނިކުންނަން. އެހެންވެ އޮފީހަށް ނިކުތް އިރު ހުރީ ވަރުބަލިވެފަ،" އީދު ޗުއްޓީގެ ކުޅިވަރުތަކުގައި ފުރިހަމަ އަށް ބައިވެރިވި ޒުވާނެއް ކަމަށްވާ ހަސަން ޝަޖީލް ބުންޏެވެ.

ރަނގަޅު ރެސްޓެއް ނުލިބި އޮފީހަށް ނިކުންނަން ޖެހުމުން މަސައްކަތަށް އެކަށީގެންވާ ސަމާލުކަން ނުދެވުން ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެހެންވީމާ މި ހަފުތާ ބަންދަކީ މީހާ "އަންވައިންޑް" ކޮށްލުމަށް ބޭނުންކުރުމަކީ ޝަޖީލްގެ އުއްމީދެވެ. ޝަޖީލްގެ ގޯލަކީ ގެއިން ވެސް ބޭރަށް ނުނިކުމެ ގޭގައި އޮތުމެވެ.

އުމުރުން 28 އަހަރުގެ އިބްރާހީމް އަމީލްގެ ގޯލަކީ ވެސް އެއީއެވެ. އޭނާ އީދު ޗުއްޓީ ހޭދަ ކުރީ ރާއްޖެއިން ބޭރުގައެވެ. އޭނާގެ ދަރިފުޅުގެ އޮޕަރޭޝަނެއްގައި އުޅެން ޖެހުނީ އިންޑިއާގައި އެއްވެސް ހުސް ވަގުތަކާ ނުލައެވެ. އޮފީހުން ޗުއްޓީ ލިބެން އޮތީ އީދު ބަންދަށް ވީމާ މި ބަންދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އޭނާ ބޭނުން ކުރީއެވެ.

އާއިލާ އެއްކޮށް ރާއްޖޭގައި މިހާރު ތިބި އިރު މި ހަފުތާ ބަންދުގައި ބޭނުންވަނީ ހަމަޖެހިލައިގެން ގޭގައި މައިތިރި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ކަމަށް އޭނާ ފާހަގަކުރެއެވެ.

އެނޫން ވެސް ގޮތް ގޮތަށް މި ހަފުތާ ބަންދު ހާއްސަ ވެގެން ދާނެއެވެ. ގިނަ ބަޔަކު ބޭނުންވަނީ ދަތުރުގެ ވަރުބަލިކަން ފިލުވަން ވަގުތު ހޭދަ ކުރުމަށެވެ. ނަމަވެސް އީދު ޗުއްޓީގެ ހިތްގައިމުކަމާއި މަޖާކަން ހަނދާން ކުރުމަށް ރަށް ރަށަށް ދާން ބޭނުންވާ މީހުން އެބަތިއްބެވެ. އެމީހުން ރާވަނީ މާލެ ކައިރީ ރަށަކަށް ހަފުތާ ބަންދަށް ދިޔުމަށެވެ. އެހެންވީމާ މިފަހަރު ހަފުތާ ބަންދު ތި ހޭދަ ކޮށްލަނީ ކިހިނެއް ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު