މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހީންގެ ތެރެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ނިޔާވެފައިވަނީ އެ ކުުންފުނީގެ ހަވާލުގައި ޙައްޖަށް ދިޔަ މީހެކެވެ. ނިޔާވީ އުމުރުން 81 އަހަރުގެ ހއ. ކެލާ، ސީސަންގެ ޢަލީ ގާސިމެވެ.
އޭނާގެ މަރުގެ ސަބަބާ ގުޅޭ އިތުރު ތަފުސީލު ހައްޖު ކޯޕަރޭޝަނުން ހިއްސާ ކޮށްފައެއްނުވެއެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ގޮތުން މައްކާއަށް ދިޔަ ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ނިޔާވެފައި އޮއްވައި ފެނުނީ އަލް ހަރަމައިން ހައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި ހައްޖަށްދިޔަ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ،72، އެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ 1:55 ހާއިރުއެވެ.
މީގެ އިތުރުން ދެން މަރުވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އޭނާ މަރުވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ.
ދެން ނިޔާވީ ނ. ހޮޅުދޫ، އުދަރެސް، އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ. އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ.