އިހަވަންދޫގެ ކޮމިޔުނިޓީ ސެންޓަރު މި މަހު ހުޅުވަން ތައްޔާރު ވަނީ

ހއ. އިހަވަންދޫގައި ގާއިމްކުރާ ކޮމިޔުނިޓީ ސެންޓަރު -- ފޮޓޯ/ ޓްވިޓާ

ހއ. އިހަވަންދޫގައި ގާއިމްކުރާ ކޮމިޔުނިޓީ ސެންޓަރުގެ އަމަލީ މަސައްކަތްތައް ނިމި އެތަން ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަމުންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން އިހަވަންދޫގައި ގާއިމް ކުރެވޭ މަރުކަޒުގެ މަސައްކަތް ނިމި އެތަން ހުޅުވުމާ ގާތްވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ޔޫތު އެސޯސިއޭޓް އަލީ ރަމީޒު "ސަން"އަށް ވިދާޅުވީ ކޮމިޔުނިޓީ މަރުކަޒުގެ އަމަލީ މަސައްކަތް ނިމި މި ހިނގާ ޖުލައި މަހުގެ ތެރޭގައި އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ އަހަރެއްހާ ދުވަހުގެ މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަރުކަޒު ހުޅުވުމާއެކު އިހަވަންދޫގެ ޒުވާނުންނަށް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގޭ އެކި ކަންކޮޅުތަކުގައި 31 ކޮމިޔުނިޓީ ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފު ވަނީ ފާހަގަކުރައްވާފައެވެ. އެ މަރުކަޒުތަކުގައި ކުޅިވަރު ކުޅުމުގެ އިތުރުން ޖަމިއްޔާ ޖަމައާތްތަކުގެ ހަރަކާތްތައް ހިންގޭނެއެވެ.

comment ކޮމެންޓް