ދާރުލްއާސާރުގެ ދިދަ ތިރިކުރަނިކޮށް މީހަކު ވެއްޓި، ހާލު ސީރިއަސް

ގައުމީ ދާރުލްއާސާރު --

ގައުމީ ދާރުލްއާސާރުގެ ދިދަ މިއަދު ތިރިކުރަނިކޮށް ވެއްޓި، އަނިޔާ ލިބުނު މީހެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ހަވީރު ހަޔެއް ޖެހުމުން ދިދަ ތިރިކުރަނިކޮށް ކަމަށެވެ.

"މިހާތަނަށް މައުލޫމާތު ލިބިފަ އޮތް ގޮތުގައި ކައްސާލައިގެން ވެއްޓިފަ ދިދަ ދަނޑީގަ ޖެހުނީ،" ނާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މީހާއަކީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށާއި އެއީ ދާރުލްއާސާރުގެ ސެކިއުރިޓީ ބަލަހައްޓަން އައުޓްސޯސްކޮށްފަ އޮންނަ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ. އަދި ސެކިއުރިޓީ ބަލަހައްޓަން އާންމުކޮށް އެކަކަށް ވުރެ ގިނަ މީހުންނާއެކު ފުލުހަކު ވެސް ހުންނަ ކަމަށާއި ހާދިސާ ހިނގުމާއެކު އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ނާއިލް ވިދާޅުވިއެވެ.

"އެމީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގަ ފަރުވާދީފަ މިހާރު ހާލު ކްރިޓިކަލް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހިނގައި ދިޔަ ގޮތް ފުލުހުން ވެސް މިހާރު ބަލަމުންދާ ކަމަށް ނާއިލް ވިދާޅުވިއެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުންނާއި އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް