ކުޑަކުދިންނަށް ޚާއްޞަ، ތިމާވެށީގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިން ވަނަ ބައިނަލްއަގުވާމީ ކުޑަކުދިންގެ ތިމާވެށީގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުމުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

މި މުބާރާތުގެ ތިން ޝިއާރުގެ ތެރެއިން، މުބާރާތުގައި ބައިވެރިވާ ކުދިން ބޭނުންވާ ޝިއާރެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ.އެގޮތުން، މުބާރާތުގެ ތިން ޝިއާރަކީ:

  • އަހަރެންގެ ލޯބިވާ ކަނޑު/ މައި ބިލޮވެޑް އޯޝަން
  • ކަނޑު އަދި އަހަރެންގެ ހުވަފެން/ ދި އޯޝަން އެންޑް މައި ޑްރީމް
  • ދުނިޔެ އާއި ކަނޑު ހިމާޔަތް ކުރަމާ/ ޕްރޮޓެކްޓް ދި އޯޝަން އެންޑް ދި އާތް

މުބާރާތުގައި ބައިވެރިވުމަށް އޭގެ ތެރެއިން ޝިއާރެއް ޚިޔާރުކުރަން ޖެހެއެވެ. އަދި ކުއްޖާގެ ކުރެހުން ހަށަހަޅަން ޖެހޭނީ އެ ޝިއާރުގެ މައްޗަށެވެ.

މި މުބާރަތަކީ ދެކުނު ކޮރެއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ހިއުމަން އިން ލަވް" އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި ޖަމިއްޔާގެ ވެބްސައިޓުގައި ވާގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުން، މިކަންކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނައުމުގެ މަގު ފަހިވާނެއެވެ.

އެ މުބާރަތުގައި ހުށަހަޅަން ޖެހެނީ ކުރަހާފައިވާ ކަރުދާހެއްގެ ޑިޖިޓަލް އިމޭޖެކެވެ. ކުރެހުން ހުށަހަޅާނެ ގޮތާއި އިތުރު ތަފްސީލް އެ މުބާރާތުގެ ވެބްސައިޓުން ލިބޭނެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅު ކުރާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް