އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފަހު ފުރުސަތު!

އުރީދޫ މަސްރޭހުގެ ތެރެއިން / ފޮަޓޯ: އުރީދޫ

ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2023ގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މި މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ވާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަަހަރުގެ މަސް ރޭސް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ދާނެއެވެ.

  • މާލެ ސިޓީ: 4 އޮގަސްޓް
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް
  • އައްޑޫ ސިޓީ: 18 އޮގަސްޓް
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓް

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. އަދި ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސްރޭހުގެ ތެރެއިން / ފޮަޓޯ: އުރީދޫ

މި މުބާރާތުގެ އެކި ވަނަވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 160،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަތައް ކޮންމެ ސިޓީއަކުން ވެސް ހޮވާނެއެވެ.

އެގޮތުން އެއްވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 10،000 ރުފިޔާ، އަދި ތިން ވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، އެންމެ މޮޅު މަސްވެރިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ކޮންމެ މީހަކަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫއިން ބުނީ މަސްރޭހުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާއިރު ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށާއި، 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

comment ކޮމެންޓް