އިންސާފެއް ނެތް ކަމަށްބުނެ، މިއަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަ ނުކުރުމަށް ކާމިޔާބު ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބު ނިންމައިފިއެވެ.
ކަންބޮޑުވުންތައް ފާޅުކޮށް، ގައުމީ މުބާރާތުގައި ވާދަ ނުކުރުމަށް ނީލާ ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައެވެ. ނީލާ ބުނެފައިވާ ގޮތުގައި ވާދަ ނުކުރުމަށް ނިންމީ ބެޑްމިންޓަން އެސޯސޮއޭޝަނުން އޭނާއާ ދޭތެރޭގައި އެއްވެސް އިންސާފެއްނެތި އަޅާފައިވާ ފިޔަވަޅުގެ ސަބަބުންނެވެ.
ނީލާ ވަނީ އޭނާއަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިމަތިވާ ދަތިތަކާއި އޭނާއަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ތަމްރީނެއް ނުހަދައި ހުއްނަން ޖެހިފައިވާ ކަމަށާއި އަމިއްލަ ގޮތުން ތަމްރީން ހަދަން ބޭނުންވި ނަމަވެސް ތަމްރީންތައް ކުރިއަށް ގެންދިއުމަށް ކޯޓު ހޯދުމުގައިވެސް އެކިކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހި، ކޯޓު ލިބުމުގެ ދަތިތައް ވެސް ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށް ނީލާ ބުންޏެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭނާގެ މިކްސް ޑަބަލްސް ކުޅުންތެރިޔާވެސް ގައުމީ ބެޑްމިންޓަން ކޯޗުގެ ނުފޫޒުން އެހެން ކުޅުންތެރިއަކާއެކު ޕާޓްނަރު ހެދުމަށް ނިންމަން ޖެހިފައިވާ ކަމަށާއި އިންސާފާއި ހަމައިގެ ބޭރުން އޭނާއާ ދޭތެރޭ ފިޔަވަޅު އެޅުމުން, އެ ފިޔަވަޅުތައް އެޅި ސަބަބު ހޯދުމަށްޓަކައި ލިޔުނު އެއްވެސް ސިޓީއަކަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ވެސް ލިބިފައި ނުވާ ކަމަށް ނީލާ ބުންޏެވެ.
ނީލާ ބުނީ އެ ފިޔަވަޅުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކާއި އަނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭނާއަކީ މުބާރަތަކަށް ތައްޔާރުނުވެ މުބާރާތްތަކުގައި ވާދަ ނުކުރާ ކުޅުންތެރިޔަކަށް ވެފައި، ހާއްސަކޮށް ގައުމީ މުބާރާތުގައި ވާދަކޮށް އޭނާއަކީ 25 އަހަރުގެ ދިގު ކާމިޔާބު ބެޑްމިންޓަން ހަޔާތެއް އޮތް ކުޅުންތެރިޔަކަށްވާތީ، އަދިވެސް އެއްފަހަރު ބޭނުންވާ މަގާމު ހާސިލުކޮށްފައި ނޫނިއްޔާ ބެޑްމިންޓަން ކެރިއަރު ނިންމާލަން ބޭނުން ނުވާ ކަމަށް ވެސް ނީލާ ބުންޏެވެ.
ނީލާއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ކުޅުންތެރިއެކެވެ.